ވިޔަފާރި

މޮބައިލް މާރުކޭޓުތައް: ފަސޭހަ ގޮތް ފަސޭހަ؟

ކަރާ ގަންނަން ކޮންމެ ދުވަހަކު މާރުކޭޓަށް ދިއުމަކީ ދަތިކަމެކެވެ. މިފަދަ މީހުންނަށް މިއޮތީ ފަސޭހަ ގޮތެކެވެ. އެއީ މާލޭގެ އެކި ހިސާބުތަކުގައި ގާއިމް ވެފައިވާ "މޮބައިލް މާރުކޭޓު" ތަކުން ވިޔަފާރި ކުރުމެވެ. ކޮންމެ ރޯދަ މަހަކަށް އުފެދޭ މި މާރުކޭޓުތަކުގެ ސަބަބުން އެތައް ފަސޭހައެއް ގެނެސްދެ އެވެ.

" ރޯދަ މަހު ފަސޭހައިން އެއްޗިހި ލިބެން ހުރުމަކީ ލިބިގެންދާ ވަރަށް ބޮޑު ލުޔެއް،" މާފަންނު ކޮޅުގައި ހިންގަމުން ގެންދާ މާރުކޭޓާ އިންވެގެން ހުންނަ ގެއަކުން ވާހަކަ ދެއްކި އައިޝަތު މުނީޒާ ބުންޏެވެ.

ރާއްޖޭގައި ހައްދާ ތަކެއްޗާއި އިމްޕޯޓު މުދާ ހިމަނައިގެން ގިނަ ބާވަތްތަކެއް ލިބެން ހުންނަ މި މާރުކޭޓުތަކުގެ އަގުތައް ވެސް ބޮޑެއް ނޫނެވެ. ނަމަވެސް މި ތަންތަނުން ލިބެން ހުންނަ ބާވަތްތައް ތަންކޮޅެއް މަދީއެވެ. މިފަދަ "މޮބައިލް މާރުކޭޓު" ތަކުން އާއްމުކޮށް ރޯދަ މަހު ބޭނުންކުރާ ގިނަ ބާވަތްތަކެއް ލިބެ އެވެ. މި ތަނުން ބައެއް މާރުކޭޓުތަކުގައި ކަރާ ކިލޯއެއް އުޅެނީ 30ރ ވަރަށެވެ. އަދި ފަޅޯ ކިލޯއެއް 30ރ. އަށް 40ރ. އަށް ލިބެ އެވެ. މީގެ އިތުރުން ކައްޓަލަ އާއި ބޮނޑި ކޮޕީ އަދި ހިކަނދި ފަތާއި ގިތެޔޮ މިރުސް ވެސް ލިބެން ހުރެ އެވެ.

މޮބައިލް މާރުކޭޓުތަކާ އަވައްޓެރި ގޭގޭގެ މީހުންނަށް މިކަން ވެގެން ދަނީ ބޮޑު ފަސޭހަ އަކަށެވެ. ސަބަބަކީ މާރުކޭޓަށް ނުގޮސް ފަރުޖައްސާ ލެވުމެވެ. މާރުކޭޓު ގެއާ ކައިރިވުމެވެ.

"ކޮންމެ ދުވަހަކު ވެސް ބޭނުންވާ އެއްޗެއް ގޮސް ގަނެލެވުމަކީ ލިބޭ ފަސޭހައެއް،" މިފަދަ މާރުކޭޓެއްގެ ކައިރީގައި ދިރިއުޅެމުން ގެންދާ ގެއެއްގެ އަންހެނަކު ބުންޏެވެ.

މިފަދަ މާރުކޭޓުތައް ހިންގާ މީހުންގެ ވާހަކަތަކުން އެނގުނީ މިއީ ވެސް ރޯދަ މަހު ކުރަން ރަނގަޅު ވިޔަފާރިއެއް ކަމެވެ. ނަމަވެސް މި މިހާރު ވިޔަފާރިކުރި އަށް ދަނީ ވިޔަފާރީގެ ހުއްދަ ނުނަގަ އެވެ. ނަމަވެސް މިފަދަ ތަންތަން ހިންގާ މީހުން ބުނާ ގޮތުގައި ރޯދަ މަހަށް "ހާއްސަ ކަމެއް" ދޭން ޖެހޭނެ އެވެ. އެހެންވެ ކަންނޭނގެ އެވެ. އިކޮނޮމިކް މިނިސްޓްރީންވެސް އަޅާލާ ތަނެއް ނުފެނެ އެވެ.

"ރޯދަ މަހު ބޭނުންވާނީ މީހުން ނަށް ވީހާ ވެސް ފަސޭހަ ގޮތްތަކެއް ހަމަ ޖައްސައިދޭނެ. މިގޮތަށް ބަލާއިރު މިއީ ވަރަށް ރަނގަޅު ކަމެއް. ރޯދަ މަސް ނިމުމުން މިކަން ނިމުނީ،" މޮބައިލް މާރުކޭޓެއްގެ ސޭޓަކު ބުންޏެވެ.

ރޯދަ މަހަށް ބޭނުންވާ ސާމާނު ވިއްކުމަކީ ހާއްސަ ވިޔަފާރި އެކެވެ. އެގޮތުން "މޮބައިލް މާރުކޭޓު" ތަކަކީ ވެސް ރޯދަ މަހަށް ހާއްސަ ވެގެން އަންނަ ވިޔަފާރި އެކެވެ. މި ތަންތަނުންވެސް ފަސޭހަކަމެއް ގެނެސްދެ އެވެ.