ހަބަރު

ފީއަލީގައި ޑެންގޫ ފެތުރި، ގިނަ ކުދިންތަކެއް މާލެ ގެންނަނީ

Feb 8, 2019
3

ފ. ފީއަލީގައި ޑެންގޫ ހުން ވަރަށް ބޮޑަށް ފެތުރި، ގިނަ ކުދިންތަކަކަށް ފަރުވާދޭން ޖެހިއްޖެ އެވެ. މިއަދު ވެސް ހަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފީއަލީ ކައުންސިލް މެންބަރު އަހުމަދު އާދަމް "އަވަސް"އަށް ވިދާޅުވީ އެ ރަށުގައި ވަރަށް ގަދައަށް ޑެންގޫ ފެތުރެމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަ ކުދިންނަށް ޑެންގޫ ޖެހިގެން މާލެ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މިރޭ ހަ ކުއްޖަކު މާލެ ފުރުވާލާއިރު ރޭ ތިން ކުއްޖަކު ސީ އެމްބިއުލެންސްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިދިޔަަ ބުދަ ދުވަހު ހަތަރު ކުއްޖަކު ޑެންގޫއަށް ޕޮސިޓިވްވެފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.

"ވަރަށް މަދު ދުވަސްކޮޅެއް މި ހިނގީ އެކަމަކު 13 އަށް ވުރެ ގިނަ ކުދިންނަށް މިހާރު ޑެންގޫ ޖެހިއްޖެ، ބަލި ޖެހެމުން އަންނަނީ ކުޑަ ކުދިންނަށް އަދި ބޮޑު މީހަކަށް ޖެހިފައިވާ ކަމަށް މައުލޫމާތެއް ނުލިބޭ، ރަށު ތެރޭގައި ބޭރަށް ހިންގާ ރޯގާއެއް ވެސް އެބަ ފެތުރޭ،" އާދަމް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ޑެންގޫ މަދިރި ނައްތާލުމަށް ރަށުތެރޭ ފޮގް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެހެނިހެން މަސައްކަތްކޮށް ހޭލުންތެރި ކުރުވަމުން އަންނަ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފީއަލިން ޑެންގޫ ޖެހުނު ހަ ކުއްޖަކު މާލެ ގެންނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.