ހަބަރު

ޕްރޮގްރަސިވް ކޯލިޝަންގެ ޕްރައިމަރީ ބާއްވައި، ހަ ބޭފުޅަކު ޓިކެޓް ހޯދައިފި

Feb 8, 2019
3

ޕީޕީއެމް އަދި ކޮންގްރަސް ޕާޓީ ކޯލިޝަންގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ދާއީދު ކުރައްވާ ދެ ޕާޓީގެ އިން ޕްރައިމަރީ ބާއްވާފައި ވަނީ މުލަކު ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ކިނބިދޫ ދާއިރާ އާއި އަލިފުށީ ދާއިރާ އަދި ތުލުސްދޫ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާގަ އެވެ.

އޭގެ ތެރޭގައި ފެލިދޫ ދާއިރާއަށް ވާދަ ކުރެއްވި އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ 216 ވޯޓާއެކު އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވަނީ ތުލުސްދޫ ދާއިރާއަށް ވާދަ ކުރައްވާ 203 ވޯޓާއެކު ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.

އޭގެ އިތުރުން ކިނބިދޫ ދާއިރާއިން އަހްމަދު ހަލީލް ޕްރައިމަރީ ކާމިޔާބު ކުރެއްވި އިރު މުލަކު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހ. ސޭޑީޔާޑްގެ މަރިޔަމް ޖުހައިނާ ސާދިގު އެވެ. އަދި މަކުނުދޫ ދާއިރާއިން އެ ރަށަށް ނިސްބަތްވާ ޔަޝަފާ އަބްދުލްގަނީ، ޕްރައިމަރީ ކާމިޔާބު ކުރެއްވި އިރު އަލިފުށި ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަހްމަދު ހުސައިނެވެ.

ޕްރައިމަރީގައި ނާކާމިޔާބު ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝީފާގު މުފީދާއި ޔޫތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މުއާޒު ހަލީމް ހިމެނެ އެވެ.

ޖުމްލަ 19 ކެނޑިޑޭޓަކު ބައިވެރިވި ޕްރައިމަރީ ނިންމާލާފައިވާ އިރު ކޮންގްރެސް ކޯލިޝަނުން ވަނީ މީގެ ކުރިން 56 ދާއިރާއަކަށް ކެނޑީޑޭޓުން ކަނޑައަޅާ އިއުލާން ކޮށްފަ އެވެ.