ވިޔަފާރި

ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑުތަން ކުރިއެރުން ލިބިއްޖެ

މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

ގައުމެއްގެ ރަސްމީ ރިޒާވަކީ އެ ގައުމެއްގެ މާލީ ހާލަތު އަންގައިދޭ މުހިންމު މިންގަނޑެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން، މެއި މަސް ނިމުމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި 703.2 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 65 ޕަސެންޓް އިތުރުވުމެކެވެ. މިއީ 4.2 މަހުގެ އިމްޕޯޓު ކުރެވޭ ވަރުގެ ފައިސާ އެވެ. މިއަދަދު ވަނީ މަހުން މަހަށް އަޅާބަލާ އިރު، އަދި އަހަރުން އަހަރަށް އަޅާބަލާ އިރުވެސް އިތުރުވެފަ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު، ބޭނުން ކުރެވޭ ރިޒާވް ނޫނީ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 229.7 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. މިއީ މަހުން މަހަށް ބަލާއިރު 12 ޕަސެންޓް އިތުރުވުމެކެވެ. އަދި އަހަރުން މިއީ އަހަރުން އަހަރަށް ބަލާއިރު މިއީ 41 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެހެން ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާފައިވާ ޓީބިލްގެ އަދަދު އަދިވެސް ހުރީ އެހާ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. އެގޮތުން މޭ މަސް ނިމުނު އިރު، ދައުލަތުން ވިއްކި ޓީބިލްގެ ތެރެއިން އަނބުރާ ފައިސާ ދައްކަން ޖެހޭ 18.4 ބިލިއަން ރުފިޔާގެ ޓީބިލް އެބަ ހުއްޓެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 36 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ބޭންކަތަކާއި އެހެނިހެން ފަރާތްތަކުން ޓީބިލަށް ކުރި އިންވެސްޓްމަންޓް ވަނީ 15 ޕަސެންޓް އިތުރުވެ، 12 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ޓީބިލަށް ބޭންކްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމަކީ އިގްތިސާދީ ގޮތުން އެހާ ރަނގަޅު ފާލެއް ނޫނެވެ. ސަބަބަކަށް ވަނީ އަމިއްލަ ސެކްޓާއަށް ލޯނު ދޫކުރަން ބޭންކްތަކުގައި ހުންނަ ފައިސާގެ މިންވަރު މަދުވުމެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ފުއްދުމަށް ބޭންކުތަކުން އިންވެސްޓް ކުރަން ޖެހުމަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭނެ ހުރަހެކެވެ.

މީގެ އިތުރުން މޭ މަސް އައި އިރު ސަރުކާރުގެ ހަރަދުތައް ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު، 105 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ހަރަދުތައް އިތުރުވި ނަމަވެސް މޭ މަހުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 19.2 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އާމްދަނީ ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ޓެކްސްތަކުން ލިބޭ އާމްދަނީ ދަށަށް ދިޔުން ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ.