ހަބަރު

މަޖިލިސް އިންތިހާބަށް ކުރިމަތިލީ އެއްވެސް ބޭފުޅަކާ ވާދަކުރާކަން ނޫން: ޣައްސާން

އަންނަ އެޕްރީމް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވީ އެއްވެސް ބޭފުޅަކާ ވާދަވެރި ކަމެއް އޮވެގެން ވާދަ ކުރައްވަން ނޫން ކަމަށް އެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވާ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިއީ ޣައްސާން މަޖިލީހުގެ އިންތިހާބެއްގައި ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވާދަ ކުރެއްވީ ތިމަރަފުށީ ދާއިރާއަށެވެ. މައްސަލަ ބޮޑުވި އެ އިންތިހާބުގައި ޣައްސާނު ބަލިވީ 26 ވޯޓްގެ ތަފާތަކުންނެވެ. އެ ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ މުހައްމަދު މުސްތޮފާ އެވެ.

ގުރައިދޫ ދާއިރާގެ ރަށްތަކަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރެއިން ގުރައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރިމަތިލެއްވީ އެއްވެސް މީހަކާ ވާދަކުރައްވަން ނޫން ކަމަށެވެ. އޭނާ ކުރިމަތިލެއްވީ އެހެން މީހަކަށް ދެރަގޮތެއްވާން އެދި ވަޑައިގަންނަވާތީ ވެސް ނޫން ކަމަށާއި އޭނާ ވާދަ ކުރަނީ އެދާއިރާގައި ހުރި މައްސަލަތަކާއި ކަމަށެވެ.

މީގެ އިތުރުން ޣައްސާން ވަނީ ދާއިރާއެއް ތަރައްގީ ކުރެވޭނީ ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓަކަށް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. ޣައްސާން ވިދާޅުވީ، މުހިންމީ ދާއިރާއަށް ދިމާވެފައިހުރި މައްސަލަތައް އެނގުން ކަމަށާއި، ލިިބިފައިވާ ތަޖުރިބާއަށް ބަލާއިރު، ރަށްރަށަށް ތަރައްގީގެ މަޝްރޫއުތައް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށެވެ.

ޣައްސާން ގުރައިދޫ ދާއިރާގެ ކެމްޕެއިން ފަށައިގެން ކުރިޔަށް ގެންދާއިރު، ޣައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ތާއީދާއެކު އެހެން ކެންޑިޑޭޓެއް ނެރެން ނިންމަވާފަ އެވެ. ރައީސް މައުމޫން ވަނީ ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް މަރުހަބާ ދަންނަވައި ކާމިޔާބަށް ވެސް އެދިވަޑައިގެންފަ އެވެ. އެނގިފައިވާ ގޮތުގައި ޣައްސާނާއި ބައްޕާފުޅު، ރައީސް މައުމޫނާ ގާތް ގުޅުމެއް ނޯންނަތާ ވަނީ މަސްތަކެއް ވެފައެވެ. އެއާ ހިލާފަށް ޣައްސާނާއި ބޮޑު ބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ ކަމަށް ވެއެވެ.