ވިޔަފާރި

އެމްޓީޑީސީއަށް ފަހު ކުއާޓަރުގައި ލިބުނީ 9.2 މިލިއަން ރުފިޔާ!

ސަރުކާރުން ޓޫރިޒަމް ފައްކާ ކުރުމަށް އުފެއްދި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 9.2 މިލިއަން ރުފިޔާ އެވެ.

އެމްޓީޑީސީއިން އާއްމުކުރި މިދިޔަ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ގައިވާ ގޮތުން، އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 601,285 ޑޮލަރު (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 541,138 ޑޮލަރު (ގާތްގަނޑަކަށް 8.3 މިލިއަން ރުފިޔާ) އެވެ. އެހެންކަމުން ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ސާފު ފައިދާއިން ހޯދިފަ އެވެ.

އެ ކުންފުނިން ފަހު ކުއާޓަރުގައި 1.2 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދި އެވެ. އަދި ވިޔަފާރި ކުރުމަށްޓަކައި 475,679 ޑޮލަރު ވަނީ ހޭދަކޮށްފައެވެ. އަދި އެ ހަރަދުތައް ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 779,292 ޑޮލަރެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގައި މިހާރު ތިބީ 12 މުވައްޒަފުންނެވެ. އަދި ކުންފުނީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވަނީ ކިހަވަށް ހުރަވަޅި އެވެ. މިހާރު އަނަންތަރާ ކިހަވަށް ހުރަވަޅީގެ ނަމުގައި ބ. އަތޮޅުގައި ހިންގީ މި ރިސޯޓު އެމްޓީޑީސީއިން ސަބްލީޒް ކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. ދެން އެ ކުންފުންޏަށް އާމްދަނީއެއް ލިބޭ ކަމަށް ބުނެފައިވަނީ ގއ.އަތޮޅުގައި އަޔާޑާ ކުންފުނިން ހިންގާ ފަސް ތަރީގެ މަގޫދުއާ އެވެ. މި ރިސޯޓު ސަބްލީޒް ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މީގެއިތުރުން އެ ކުންފުނީގެ ވިޔަފާރީގައި ހިމެނެނީ ހދ. ނާގޯށި އެވެ.