ބޮލީވުޑް

އާލިއާ އަކީ ކަރަންގެ "ޕަޕެޓެެއް": ކަންގަނާ

ފިލްމު "މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ ނެރުމުގެ ކުރިންވެސް މި ފިލްމަށް ދިޔައީ އެކި ގޮތް ގޮތުން ތަފާތު ފާޑުކިޔުންތައް އަމާޒުވަމުންނެވެ. މައްސަލަތައް ފެންމަތިވީ ކަންގަނާއާއެކު ފިލްމުގެ ޑައިރެކްޝަނުގައި މަސައްކަތް ކުރި ކްރިޝް މި ފިލްމު ދޫކޮށް ދިޔަ ހިސާބުންނެވެ. އަދި ފިލްމުގައި މުހިއްމު ރޯލަކުން ފެންނާނެ ކަމަށް އުއްމީދު ކުރެވުނު ސޯނޫ ސޫދު ވެސް ފިލްމުން ވަކިވުމުން، ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް ބަތަލާ ކަންގަނާ ރަނާއުޓް އަށް ގިނަ ބަޔަކު ފާޑު ކިޔެވެ.
ފިލްމު ރިލީޒްކޮށް އެތައް ދުވަސްތަކެއް ވީ ފަހުންވެސް މި ފިލްމުގެ ކޯޅުންގަނޑު އަދިވެސް މައިތިރި ނުވެ އެވެ.

ބޮލީވުޑްގެ ނުފޫޒުގަދަ މީހުން ކަންގަނާ އާއެއްކޮޅަށް ވާހަކަ ނުދައްކާތީ އެ މީހުންނާ ދޭތެރޭ ހިތްހަމަ ނުޖެހި ހުރި ކަަންގަނާ އެންމެ ފަހުން ބަހުގެ ހަމަލާ ދިނީ ބަތަލާ އާލިއާ ބަޓް އަށެވެ. ކަންގަނާ ބުނި ގޮތުގައި އާލިއާ ބަޓް އަކީ ކަރަންޖޯހަރު ގެންގުޅޭ ޕަޕެޓެކެވެ.

"އަހަރެން ދެކޭ ގޮތުގައި އަންހެނުން ބާރުވެރި ކުރުވުމާއި ގައުމިއްޔަތު ދައްކުވައިދޭ ފިލްމު ތަކާ ދެކޮޅަށް ތެދުވަން ޖެހޭނެ. މި ކަހަލަ ފިލްމަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އަމިއްލަ ބަސް ނުބުނެ ކަރަން ޖޯހަރުގެ "ޕަޕެޓަކަށް" ވުމަކީ ކާމިޔާބު ވުމެއް ނޫން" ބޮލީވުޑްގެ ނޫސް ޕިންކް ވިލާ އަށް ދިން އިންޓަވިއުގައި ކަންގަނާ ބުންޏެވެ.

އެ އިންޓަވިއުގައި ކަންގަނާ އިތުރަށް ބުނީ އާލިއާ އަކީ އަންހެނަކަށް ވެ ހުރެ، އަންހެނެއްގެ ދިފާއުގައި ވާހަކަ ނުދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި، އޭނާ (އާލިއާ) އަށް ކާމިޔާބަކީ ފައިސާ ކަމަށް ވަންޏާ އޭނާގެ ކާމިޔާބަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމެވެ.

ކަންގަނާގެ ވާހަކަތަކާ ގުޅިގެން އާލިއާ ބުނީ ކަންގަނާ އޭނާ ދެކެ ރުޅި އައިސްގެން ހުންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ދުވަހަކުވެސް ކަންގަނާ ދެރަކޮށް ހިތުގައި ޖައްސަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ކަމެއް ކުރެވިފައިވާ ނަމަ އެކަމަކަށް އަމިއްލަ އަށް މާފަށް އެދޭނެ ކަމަށެވެ.