ހަބަރު

މާލެ ތޮއްޖެހުނީ މަރުކަޒީ ވިސްނުމާ ހެދި، އެކަން ބަދަލު ކުރާނަން: ރައީސް

މާލެ ތޮއްޖެހުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މަރުކަޒީ އުސޫލުން ހިންގުން ކަމަށާއި އެކަން ބަދަލު ކުރައްވާ ކައުންސިލްތަކަށް ބާރުތައް ދޫކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މަހާސިންތާ ފައްޓަވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި ގޮތާއި އާބާދީ ހުރި މިންވަރަށް ބަލާއިރު ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަން ޖެހިއްޖެ ކަން ދެބަސްވުމެއް ނެތް މިންވަރަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ ނޫން ނަމަ 2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ އާބާދީގެ 60 ޕަސަންޓު ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި ކަމަށާއި އޭގެ ސަބަބުން އެތަށް އިޖްތިމާއީ މައްސަލަތަކެއް ދިމާވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިހާރު ވެސް މާލެ ތޮއްޖެހުމާއި ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކުގެ އަސްލަކީ ޒަމާނުއްސުރެ ގެންގުޅުން މަރުކަޒީ ވިސްނުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"[މަރުކަޒީ އުސޫލުގައި ތިބުމަކީ] އެއީ ކުރެވޭނެ ކަމެއް ނޫން އަދި ކުރަން ހެޔޮވާނެ ކަމެއް ނޫން، އެތަށް އިޖްތިމާއި މައްސަލަތަކެއް ދިމާވާނެ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެތަށް މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާޏުއްސުރެއް ގެންގުޅުން މަރުކަޒީ ވިސްނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް 10 އަހަރު ފުރެންދާއިރު އެ ނިޒާމްގެ ތެރެއިން ވަރަށް ތަފާތު ތަޖުރިބާތަކެއްކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ވަރަށް ރަނގަށް ހިންގާ ކައުންސިލްތަކާ އެކަށީގެންވާ ވަރަށް ނުހިންގާ ކައުންސިލްތައް އެބަހުރި ކަމަށާއި ރަނގަޅަށް ނުހިނގަނީ ތަންފީޒީ މަރުހަލާގައި ގިނަ ކަންކަން އަދިވެސް ލާމަރުކަޒު ނުކުރެވޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ ކައުންސިލްތައް އުފެއްދާފައި އިންތިހާބު ކުރުން އެކަންޏެއް ނޫން ކަމަށެވެ. ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭ ކަމަށާއި އަންހެނުން ބާރުވެރި ކުރެވޭނެ ގޮތްތައް ނެތި ގެނެވޭނެ ލާމަރުކަޒީ ނިޒާމަކީ ވެސް ހަގީގީ ލާމަރުކަަޒީ ނިޒާމް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުގައި ބަޔާން ކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދަައުރާއި ބާރުތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކައުންސިލްތައް ބާރުވެރި ކުރުވާ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ޖެހޭ. ރަށަށް ބޭނުންވާ އަސާސީ ކަންކަން ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނުން، ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ދެފުށް ފެންނަ ގޮތަށް ރައްޔިތުން ހިންގުން. ރަށާ ގުޅިފަައިވާ ތަންތަނުން ލިބިފައިވާ އާމްދަނީތައް ކައުންސިލްތައް ހިންގުން މިއީ ކުރަން ޖެހޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ 2017 ވަނަ އަހަރު ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި ހަތް ވަނަ އިސްލާހުގެ ދަށުން އެލްޖީއޭގެ ބޯޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. އެގޮތުން ކައުންސިލްތަކުން ބޯޑަށް އިންތިހާބު ކުރާ މަގާމްތައް އުނިކޮށް މުޅި ބޯޑަކީ ރައިސް އައްޔަން ކުރާ މަގާމްތައް ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މަސައްކަތް ބަލާ ވިލަރެސް ކުރުމަކީ އެލްޖީއޭގެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ ބޯޑަކީ ކައުންސިލްތަކުގެ ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދާ ދެވޭނެ އަދި މުޅި ނިޒާމްގެ މުސްތަގުބަލު ވެސް ބައްޓަން ކުރެވޭނެ ބޯޑަކަށް ވާން ޖެހޭ ކަމަށާއި ސިޔާސީ މަގްސަދުތަކުގައި ކައުންސިލަރުން ވަކިކޮށް ކައުންސިލަރުން ސަސްޕެންޑު ކުރުމުގެ ކަންކަމުން ދުރުވާން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ތިންވަނަ އިސްލާހަކި ވެސް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތަސައްވަރާ މުޅިން އިދިކޮޅު އިސްލާހެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ އިސްލާހުގައިވާ ގޮތުން ސިޓީ ކައުންސިލްގެ ބާރުތަކާއި ދޭނެ ހިދުމަތްތައް ކަނޑައަޅަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަަތިން ރައީސް އެވެ. އަދި ހިދުމަތްތައް ފޯރުކޮށްދޭނީ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތަކަށެވެ.

"މީގައި ކޮބައިތޯ ކައުންސިލްތަކަށް އޮތް ބާރަކީ، ކޮބާތޯ ކައުންސިލްތަކަށް އޮތް އިހުތިޔާރަަކީ. މިގޮތަށް ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގުމުން ކަައުންސިލްތަކުގެ ދައުރަކަށް ވަނީ އެއްވެސް މާނައެއް ނެތް ދައުރަކަށް، މިއީ އަޅުގަނޑު ދަންނަ ލާމަރުކަޒީ ނިޒާމެއްގައި ކަންކަން ހުންނަ ގޮތެއް ނޫން," ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ގާނޫނުތައް އިސްލާހު ކުރައްވާނެ ކަމަށާއި މަހާސިންތާގެ ތެރެއިން ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހޯދުމަށް އެދޭ ކަމަށެވެ. އަދި 100 ދުވަހުގެ ވައުދާ އެއްގޮތަށް އެ ނިޒާމް ފުރިހަމައަށް ހިނގައި ގަންނަ ގޮތް ހަދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.