ވިޔަފާރި

ވިޔަފާރި ބަނދަރުގެ މާސްޓަ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

މާލެ ވިޔަފާރި ބަނދަރު ސިނާއީ ރަށް، ތިލަފުށްޓަ ބަދަލު ކުރުމުގެ ގޮތުން، އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯޓެއް ތަރައްގީ ކުރުމަށްޓަކައި މާސްޓަ ޕްލޭނެއް ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ބޭނުންވާ ކަމަށެވެ.

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތުގެ ޑިޒައިންނާއި ކޮންސެލްޓެންސީ ދިނުމަށް ހަމައެކަނި ކުރިމަތިލެވޭނީ ބައިނަލްއަގުވާމީ ފަރާތްތަކަށް އެކަންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް އެކްސްޕެރެސަން އޮފް އިންޓްރެސްޓް ހުށަހަޅުން ގެންދިއުމަށް އެދޭ ކަމަށެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިއެވެ.

މި ދައުރަށް ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު ތެރޭގައި ވިޔަފާރި ބަނދަރު ބަދަލު ކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ކެޕޭސިޓީ އިތުރުކޮށް ހިދުމަތް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ.

"ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމެއްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މާލެ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ، ތޮއްޖެހުންތަކުގެ ސަބަބުން ވިޔަފާރި ތަނަށް ވަނީ ނުހަދު ދަތިތަކާ ކުރިމަތިވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަން ހައްލު ކުރަން ގުދަން ކުރުމާއި ލޮޖިސްޓިކް ހިމެނޭ ގޮތަށް، ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ މި އަހަރު ފެށޭނެ ކަމަށެވެ.

"މި ބަނދަރު އައުމުން މާލޭގައި ހުރި ސިނާއީ މަސައްކަތްކުރާ ގިނަ ތަންތަން މާލެއިން ބޭރުގެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އުޅުނެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ މި މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.