ހަބަރު

"އިންޑިއާ ސިފައިން ފައިބާ" މުޒާހަރާގައި ބައިވެރިވާން ހުޅުވާލައިފި

Feb 11, 2019
33

އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި އެއާއެކު ރާއްޖޭގައި ތިބި ސިފައިން ރާއްޖެއިން ބޭރު ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ އިއުލާނު ކޮށްފައިވާ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި ހިންގާ އެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމެއް، އުމަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެކަމެއްކަމަށް ވިދާޅުވެ، އުމަރު އާންމު ކުރައްވާފައިވާ ފޯމުގައި، އެކަމަށް ތާއީދުކުރާ ފަރާތްތަކާއި، އެ ހަރަކާތް އިންތިޒާމުކޮށް ހިންގުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ވޮލަންޓިއަރުންގެ އިތުރުން، އެ ހަރަކާތަށް ފައިސާ އާއި ތަކެތީގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިން ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގެއް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި "ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް" ބާއްވާނީ އެކަމާއި ދެކޮޅަށް ކަމަށް އުމަރު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން އެކަމާ މެދު ކަންބޮޑުވި އެވެ.

އުމަރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރާއެކު 40 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރަށް ކޮމާންޑު ކުރަނީ އިންޑިޔާއިން ކަމަށާއި ހަދިޔާއެއް ވިޔަސް ދިވެހި ސިފައިންނަށް އެއްވެސް ބާރެއް ނުފޯރުވޭ ކަމަށެވެ.

އެ މައްސަލަތަކާ ހެދި ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ފެށި އެވެ. ނަމަވެސް އާ ސަރުކާރުން ހަވާލުވުމަށް ފަހު އިންޑިޔާއާ އެކު އޮތް އެއްބަސްވުން އާ ކުރުމަށް ފަހު އެ ހެލިކޮޕްޓަރު އަލު ދުއްވަން ވަނީ ފަށައިފަ އެވެ.

ރައީސް ސޯލިހު މިދިޔަ އަހަރު ފަހު ކޮޅު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށާއި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށެވެ. ދިވެހި ސިފައިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.