ދުނިޔެ

އިންޑޮނީޝިއާ: ހަރުފައެއް ބޭނުންކޮށްގެން ކުށަށް އިއުތިރާފު ކުރުވަން އުޅެފި

Feb 11, 2019

ޖަކާޓާ (ފެބްރުއަރީ 11) - ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ބިރު ދައްކަން ހަރުފައެއް ބޭނުންކުރި މައްސަލާގައި އިންޑޮނީޝިއާ ފުލުހުން މައާފަށް އެދެފި އެވެ.

އިންޑޮނީޝިއާގެ އިރުން އޮންނަ ޕަޕުއާ ސަރަހައްދުގައި، ތުހުމަތުކުރެވޭ މީހާގެ ގަޔަށް ހަރުފައެއް ލައިގެން ސުވާލު ކުރި މަންޒަރު ފެންނަ ވީޑިއޯ ވަނީ އާންމުވެފަ އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މޯބައިލް ފޯނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކަމުގައި ކަމަށްވެ އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިސްވެރިޔާ އެ އަމަލަށް މައާފަށް އެދުނު ނަމަވެސް، އެ ހަރުފަ އަކީ ވިހަ ގަދަ ހަރުފައެއް ނޫން ކަމަށާއި، ފުލުހުން އެމީހާއަށް އަނިޔާކޮށްފައިނުވާކަމަށް ވަނީ ބުނެފަ އެވެ.

އިންޑޮނީޝިއާ އާއި ވަކިވާން މަސައްކަތް ކުރަމުންދާ ޕަޕުއާ ސަރަހައްދުގައި، އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

އަދި ތަހުގީގުތަކުގައި ހަރުފަ ބޭނުންކޮށްގެން، ބިރު ދައްކައި، ކުށަށް އިއުތިރާފު ކުރާ ކަމުގެ ތުހުމަތުވެސް ފުލުހުންނަށް ދަނީ ކުރަމުންނެވެ.

ޕަޕުއާ ނިއުގިނީ އާ ގުޅޭ ބޯޑަރުގައި އޮންނަ ޕަޕުއާ އިންޑޮނީޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅީ 1969 ވަނަ އަހަރު އެވެ.