ހަބަރު

ކިއޫ ނުޖެހި ފްލެޓަށް އެދެވޭ ޕޯޓަލް ހުޅުވައިފި

ސަރުކާރުން ގާއިމް ކުރާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގައި ބައިވެރިވެ، ކިއޫގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފި އެވެ.

މީގެ ކުރިން ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ދިގު ކިއޫތައް ހައުސިން މިނިސްޓްރީ އާއި ދަރުބާރުގޭގައި ހަދާފައިވެ އެވެ. އަދި އެތަށް ވަގުތެއް އަވީގައި ހޭދަ ކުރާ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެހެންކަމުން ކިއޫގައި ނުޖެހި ފްލެޓަށް އެދެވޭނެ ގޮތެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ވައުދެކެވެ.

"މަގޭ ހިޔާވެހި" ނަމުގައި ހަދާފައިވާ އޮންލައިން ޕޯޓަލް

ކިއޫގައި ނުޖެހި ފްލެޓަށް ކުރިމަތިލެވޭ އޮންލައިން ޕޯޓަލް މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފަ އެވެ. އެގޮތުން މަގޭހިޔާވެހި ވެބްސައިޓަށް ވަނުމަށް ފަހު ކޮންމެ މީހަކަށް ހާއްސަ ލޮގިންއެއްގެ ތެރެއިން ފްލެޓަށް ހުށަހެޅެވޭނެ އެވެ.

"މަގޭ ހިޔާވެހި" ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަަދު ނަޝީދު ވިދާޅުވީ ޕޯޓަލް ގާއިމްކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި ޕޯޓަލްގައި މިވަގުތު އެއްވެސް ފްލެޓަކަށް ކުރިމަތިލާކަށް ހުޅުވާލާފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވި 4000 ހައުސިން ޔުނިޓު ހުޅުވާލުމާއެކު ޕޯޓަލްގައި އެއަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕޯޓަލް ޑިވަލޮޕް ވެގެން ދާއިރު ސްކީމްއަކަށް އެޕްލައި ކުރެވިގެން ދާއިރު އެ ބޭފުޅަކަށް ލިބޭ ޕޮއިންޓު ފެނިވަޑައިގަންނަވާނެ، އޭރުން އެނގިވަޑައިގަންނަވާނެ އެއޮތީ އެޕްލައި ކުރެވިފައިކަން، އަދި އަޅުގަނޑުމެންގެ އުންމީދަކީ އެ ބޭފުޅެއްގެ ސްޓޭޓަސް ވެސް އެނގޭ ވަރު ހަދާލަން،" ނަޝީދު ވިދާޅުވި އެވެ.

ޕޯޓަލް ބޭނުން ކުރާނީ ކިހިނެތް؟

"މަގޭ ހިޔާވެހި" ޕޯޓަލް ގާއިމްކޮށްފައި ވަނީ ކިއޫގައި ނުޖެހި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ފްލެޓަށް އެދެވޭ ގޮތަށެވެ. އެގޮތުން ފުރަތަމަ ސައިޓަށް ވަންނުމަށް ފަހު "އީފާސް" އެކައުންޓުން ލޮގިން ވާން ޖެހޭނެ އެވެ. އީފާސް އެކައުންޓެއް ނެތް ނަމަ އައިޑީ ކާޑު ނަމްބަރު ޖެއްސެވުމަށް ފަހު އެ އެކައުންޓެއް ހެދޭނެ އެވެ.

ލޮގިން ވުމަށް ފަހު އެ ފަރާތެއްގެ ވަނަވަރުތައް ސިސްޓަމަށް އަޅަން ޖެހެ އެވެ. އެއީ ފްލެޓުތައް ދިނުމުގައި އެ ފަރާތެއްގެ ހާލަތު ހުރި މިންވަރު ބެލުމުގެ ބޭނުމުގަ އެވެ. އެގޮތުން ޒާތީ މައުލޫމާތާއި ވަޒީފާގެ މައުލޫމާތާއި ކައިވެނީގެ މައުލޫމާތާއި ގޯތިގެދޮރުގެ މައުލޫމާތު އަދި ދަރިންނާއި ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކުގެ މައުލޫމާތު ސިސްޓަމަށް އަޅަން ޖެހޭނެ އެވެ.

ހުރިހާ މައުލޫމާތުތައް ސިސްޓަމަށް އެޅުމަށް ފަހު ހައުސިން ސްކީމް ޓެބަށް ފިތާލާ އެ މީހަކު ބޭނުންވާ ސްކީމަކަށް ހުށަހެޅައިގެން ކުރިޔަށް ދާންވީ އެވެ. މިވަގުތު އެއްވެސް ސްކީމަކަށް ހުޅުވާލާފައެއް ނުވެ އެވެ.