ހަބަރު

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރަން ލަވައެއް

ކަލާފާނު ސްކޫލަށް 30 އަހަރު ފާހަގަ ކުރުމުގެ ގޮތުން އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ލަވައެއް އިފްތިތާހުކޮށްފި އެވެ.

އަހަރީ ދުވަހާ ގުޅުވައިގެން ކަލާފާނު ސްކޫލުން ނެރުނު ލަވަ އިފްތިތާހު ކޮށްފައިވަނީ ހަފްލާގެ ޝަރަފްވެރި މެހެމާނު އަދި ކަލާފާން ސްކޫލުގެ މުސްކުޅި ދަރިވަރު އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު ހެންވޭރު ދަނޑުގައި، ބޭއްވުނު ހަފްލާގައި މި ލަވަ އިފްތިތާހު ކޮށްދިނުމުގެ ގޮތުން ލަވަ ކިޔާފައިވަނީ އެ ސްކޫލުގެ ކުރީގެ ހަތަރު ދަރިވަރުންނެވެ. އަދި މި ހުށަހެޅުމުގައި މިނިސްޓަރު މަހުލޫފްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
މިއަދު އިފްތިތާހު ކުރި ލަވަ ހެއްދެވީ ކަލާފާނު ސްކޫލުގައި ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހްމަދު ނާސިހެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަހުލޫފް ވަނީ ސްކޫލް ދުވަސްވަރުގެ ހަނދާންތައް އާކުރައްވާ ބެލެނިވެރިންނާ ސްކޫލް ދަރިވަރުންނާ އެ ވާހަކަތައް ހިއްސާ ކުރައްވާފަ އެވެ. އަދި ކަލާފާނު ސްކޫލަކީ ކާމިޔާބު ދަރިވަރުންތަކެއް އުފައްދާނެ ސްކޫލަކަށް ވާނެ ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވި އެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން މިއަދު އިފްތިތާހު ކުރި ލަވައިގެ އިތުރުން ސްކޫލް ދަރިވަރުންގެ ހުށަހެޅުންތަކެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ކުރިއަަށް ގެންދެވުނެވެ.