ވިޔަފާރި

ލަފާކުރި ވަރަށްވުރެ މިދިޔަ މަހު އާމްދަނީ ދަށަށް

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާއަށް ބަލައިގަތް އާމްދަނީ، ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9 ޕަސެންޓް ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީ މެދުވެރިކޮށް 2.1 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.

މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ޖުމްލަ އާމްދަނީ އަށްވުރެ 2.2 ޕަސެންޓް އިތުރުވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރާ އަޅާބަލާނަމަ 2.9 ޕަސެންޓް ދަށްވުމެކެވެ.

ދައުލަތަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުސް ނުވަތަ ބީޕީޓީއިންނެވެ. މި ޓެކުހުން 880 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީއިން 799 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 67.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނީ 29 ބިލިއަން ރުފިޔާ އެވެ.