ހަބަރު

އުމަރުގެ ރައްދު: ދިވެހިންނަށް ހޭލެވޭއިރު ފިލްމު އޮންނާނީ ނިމިފައި

21

އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި އެއާއެކު ރާއްޖޭގައި ތިބި ސިފައިން ރާއްޖޭގައި ތިބި މައްސަލާއާއި ދެކޮޅަށް މިނިސްޓަރެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ނުކުރެއްވި ކަމަށް ބުނެ އަމާޒު ވެފައިވާ ފާޑު ކިޔުންތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައިފި އެވެ.

"އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި ގައުމީ ހަރަކާތެއް އިއުލާނުކުރައްވާފައިވާ އުމަރު ފޭސްބުކްގައި ވިދާޅުވީ، އިންޑިއާ އާއެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އާ ނުކުރުމަށާއި، ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް، އެމަނިކުފާނު ވެސް ހިމެނޭ ނެޝަނަލް ސެކިޔުރިޓީ ކައުންސިލުން 2014 ވަނަ އަހަރު ނިންމި ކަމަށެވެ.

"އަޅުގަނޑު ސަރުކާރުން ވަކިވި ފަހުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ދުވަހުގެ ނިންމުން ތަންފީޒު ކުރައްވައި، (އިންޑިއާ) ސިފައިން އަނބުރާ ދިޔުމަށް އަމުރުކޮށްފައި،" އުމަރު ހާމަ ކުރައްވާފައިވެ އެވެ.

އުމަރު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން އަލުން އާކޮށްދިނުމުގެ އިތުރުން، އިންޑިއާގެ އިތުރު އަސްކަރީ އާލަތްތައް ރާއްޖެއަށް ގެނައުމަށް އެއްބަސްވެފައި ކަމަށެވެ.

"ހެލިކޮޕްޓަރު، ޑޯނިއާ މަތިންދާ ބޯޓު، ރާޑަރު ފަދަ އިންޑިއާގެ މިލިޓަރީ ހާޑްވެއާތަކަކީ، މި ގައުމުގެ މިނިވަންކަން އަތުލާ ދުވަހު އަޅުގަނޑުމެންނާއި ދެކޮޅަށް ބޭނުންކުރާނެ ވަސީލަތްތައް،" އުމަރު ތުހުމަތު ކުރެއްވި އެވެ.

އުމަރު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އިންޑިއާ އިން އިސްވެ "މަޑުމަޑުން" ރާއްޖެ ހިފުމުގެ ރޭވުމެއް ކަމަށެވެ.

"މިއީ ސްލޯ އިންވޭޝަނެއް، ދިވެހިންނަށް ހޭލެވޭއިރު، ފިލްމު އޮންނާނީ ނިމިފައި،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭލުމަށް ފަށްޓަވާފައިވާ މަސައްކަތަކީ "ދިވެހި ގައުމިއްޔަތު ހޭލައްވާލަން" ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވެ، ފާޑުކިޔާ ފަރާތްތަކަށް އުމަރު ވަނީ ރައްދު ދެއްވައިފަ އެވެ.