ހޮލީވުޑް

ގްރެމީ އެވޯޑްސްގެ އެންމެ ކުރީގައި ޗައިލްޑިޝް އާއި ކޭސީ

މި އަހަރުގެ 61ވަނަ ގްރެމީ އެވޯޑްގްސް ގައި، އެންމެ މޮޅު ލަވައެއްގެ ގޮތުގައި ޗައިލްޑިޝް ގެމްބީނޯގެ "ދިސް އިޒް އެމެރިކާ" އާއި އެންމެ މޮޅު އަލްބަމް އަކަށް ކޭސީ މުސްގްރޭވްސްގެ އަލްބަމް ހޮވި، އެ ޝޯގައި ވިދާލައިފި އެވެ.

"ދިސް އިޒް އެމެރިކާ" އިން ބެސްޓް ސޯންގް އޮފް ދި އިޔާ އާއި ބެސްޓް ރިކޯޑް އޮފް ދި އިޔާގެ އެވޯޑް ޗައިލްޑިޝް އަށް ލިބުނެވެ. އަދި ބެސްޓް ރެޕް / ސަންގް ޕަފޯމަންސްގެ އިތުރުން ބެސްޓް މިއުޒިކް ވީޑިއޯގެ އެވޯޑުވެސް ގެންދިޔައީ ޗައިލްޑިޝް އެވެ.

އަލްބަމް އޮފް ދި އިޔާގެ އެވޯޑް ގެންދިޔަ ކޭސީ ވެސް ވަނީ އިތުރު ތިން އެވޯޑެއް ގެންގޮސްފަ އެވެ. "ބަޓަފްލައިސް" އިން ބެސްޓް ކަންޓްރީ ސޯލޯ ޕަފޯމަންސް އެވޯޑް އާއި "ސްޕޭސް ކައުބޯއީ" އިން ބެސްޓް ކަންޓްރީ ސޯންގް އަދި "ގޯލްޑަން އަވާ" އިން ބެސްޓް ކަންޓްރީ އަލްބަމްގެ އެވޯޑުވެސް އުފުލާލި އެވެ.

ގްރެމީ ހަފްލާގައި ލިބުނު އިތުރު އެވޯޑުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ މަގުބޫލުކަން ހޯދަމުން އަންނަ ދުއާ ލިޕާގެ އެވޯޑެވެ. ދުއާ ލިޕާ ވަނީ ބެސްޓު ނިއު އާޓިސްޓްގެ މަގާމު ހޯދާފަ އެވެ. މީގެއިތުރުން، ޑްރޭކް އަށް ބެސްޓް ރެޕް ސޯންގްގެ އެވޯޑު ލިބުނެވެ. އަދި ކާޑީ ބީގެ އަލްބަމް "އިންވޭޝަން އޮފް ޕްރައިވަސީ" ވަނީ ބެސްޓް ރެޕް އަލްބަމްގެ ޝަރަފު ލިބިފަ އެވެ.

ގްރެމީ އެވޯޑްސް ހަފްލާގައި ފާހަގަކޮށްލެވުނު ކަންކަމުގެ ތެރެއިން، ކޮރެއާގެ ބޭންޑް "ބީޓީއެސް" ބައިވެރި ވުމަކީ އޭޝިއާގެ މިއުޒިކަށް ލިބުނު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ވަނީ ދެކިފަ އެވެ. އަދި މި ބައިވެރިވުމަށްފަހު، ހޮލީވުޑްގައިވެސް ކޮރެއާ މިއުޒިކް ވަރުގަދަ ކޮށްލާނެ ކަމަށް "ބީޓީއެސް"ގެ ފޭނުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. މީގެ އިތުރުން، މި ހަފްލާގެ ހައިލައިޓްސް އަށް ބަލާއިރު މިޝެލް އޮބާމާ ގްރެމީ އެވޯޑްސް ހަފްލާގައި ބައިވެރިވުން ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ގްރެމީ އެވޯޑް ހަފްލާ ފެއްޓުމަށް ލަވަ ކިޔުންތެރިޔާ ކަމިލާ ކަބެލޯ ވަނީ އޭނާގެ އެންމެ މަޝްހޫރު ލަވަ "ހަވާނާ"ގެ ހުށަހެޅުމެއް ދީފަ އެވެ. އަދި ރިކީ މާޓިން އަދި ޖޭ ބަލްވިން ވަނީ މި ހުށަހެޅުންތަކުގައި ބައިވެރިވެފަ އެވެ.