ދުނިޔެ

ބްރެކްސިޓް: އިނގިރޭސި ކުންފުނިތަކަށް ޖަަވާބު ނުލިބޭ އެތައް ސުވާލެއް!

Feb 13, 2019

ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމުގެ މައްސަލާގައި ގޮތެއް ނުނިމި، ދިގުލައިގެން ދިޔުމުގެ ސަބަބުން ވާންވީ ގޮތެއް ނޭނގި ސުވާލުމާކެއްގެ ތެރޭގައި ތިބެންޖެހިފައިވާކަމަށް ބުނެ، ޔޫކޭ ވިޔަފާރިވެރިން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފި އެވެ.

މިގޮތުން، އަންނަ މަހު 29 ވަނަ ދުވަހު، ރަސްމީކޮށް އީޔޫން ވަކިވާއިރު، ޖަވާބު ބޭނުންވާ 20 ސުވާލެއް، އެގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ކުރިމަތިކޮށްފަ އެވެ.

އޭގެ ތެރޭގައި، މުވައްޒަފުންގެ ކަންކަމާއި، އަމަލު ކުރަންވީ އުސޫލުތަކާއި، ވުޖޫދުގައި ދެމި އޮންނާނެ ވިޔަފާރި އެއްބަސްވުންތަކާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބްރިޓިޝް ޗޭމްބާ އޮފް ކޮމާސް (ބީސީސީ) އިން ވަނީ ބުނެފަ އެވެ.

އެކަމުގެ ރައްދުގައި، އިނގިރޭސި ސަރުކާރުން ބުނީ ގައުމަށް އެންމެ ފައިދާ ބޮޑު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

"ޔޫކޭގެ އިގުތިސޯދާއި، ވަޒީފާތައް ހިމާޔަތްކުރުމުގެ އިތުރުން، ވިޔަފާރިތަކަށާއި އާންމުންނަށް އެންމެ އެކަށީގެންވާ ޔަގީންކަމެއް ލިބިގެންދާނީ، އީޔޫ އާއެކު ވެފައިވާ އެއްބަސްވުމަށް ތާއީދުކޮށްގެން،" ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

އިނގިރޭސި ތާރީހުގައި ޕާލިމަންޓުން ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއަށްފަހު، ބޮޑު ވަޒީރު ތެރޭސާ މޭ ގެންދަވަނީ، ބްރެކްސިޓް އެއްބަސްވުމަށް މެމްބަރުން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް، އަންނަ މަހު، އެއްވެސް އެއްބަސްވުމެއް ނެތި އީޔޫން ވަކިވާންޖެހިއްޖެނަމަ، ޔޫކޭ އިން އަމަލުކުރަންޖެހޭނީ ވާލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ (ޑަބްލިއު ޓީ އޯ) އުސޫލުތަކަށެވެ.

އެއްބަސްވުމެއް ނެތި ވަކިވުމަށް މޭ ގަސްދުގައި މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޔޫކޭގެ އެތަކެއް ހާސް ކުންފުނިތަކެއް ތަމްސީލުކުރާ ބީސީސީ އިން ބުނީ، ހުރިހާ ހާލަތްތަކަކަށް ސަރުކާރުން ތައްޔާރުވެފައިނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ވާންވީ ގޮތެއް ނޭނގި މުޅި ގައުމު ސުވާލު މާކެއްގެ ތެރޭގައި އޮތުމުގެ ސަބަބުން، މިހާރު ވެސް އިންވެސްޓްމަންޓްތަކަށާއި ވިޔަފާރިތަކުގެ ކުރިއެރުމަށް ނޭދެވޭ އަސަރު ކުރަންފަށާފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

"ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، ކުންފުނިތަކުން އަމަލު ކުރަންވީ ގޮތެއް ސާފުކޮށް އެނގެންޖެހޭ،" ކަސްޓަމްސް ޑިޔުޓީތަކާއި ވިޔަފާރީގެ އެއްބަސްވުންތަކުގެ މައުލޫމާތު ނެތް ކަމަށް ބުނެ، ބީސީސީގެ ޑިރެކްޓާ ޖެނެރަލް އެޑަމް މާޝަލް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ވިޔަފާރިތަކަށް ކޮންމެހެން ޖަވާބު ބޭނުންވާ 20 ސުވާލެއް ބީސީސީ އިން ވަނީ ސަރުކާރަށް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި، މާޗް 29 އިން ފެށިގެން އީޔޫ އާއި ޔޫކޭ އާދެމެދު މުވައްޒަފުންނާއި، މުދާ އުފުލޭނެތޯ އާއި މުދަލަށް އިމްޕޯޓް ޑިޔުޓީ ނަގާނެތޯ ވެސް ހިމެނެ އެވެ.

ބީސީސީގެ ކަންބޮޑުވުންތައް ބަންޑުންކޮށްލާފައި މި ވަނީ، ބްރެކްސިޓް މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ޔޫކޭގެ ގަވަރުނަރު ޕާލިމަންޓު މެމްބަރުންނަށް ގޮވާލައްވާފައިވަނި ކޮށެވެ.

ޗައިނާގެ އިގުތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ދަނޑިވަޅެއްގައި، އެއްބަސްވުމެއްނެތި އީޔޫން ވަކިވާންޖެހިއްޖެނަމަ، ޔޫކޭގެ އިގުތިސޯދަށް "ބޮޑު ލޮޅުމެއް" އަންނާނެކަމުގެ އިންޒާރު ގަވަރުނަރު ވަނީ ދެއްވައިފަ އެވެ.