ޕަޕުއާ ނިއު ގިނީގައި މިދިޔަ އަހަރު ބޭއްވި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓަށް ގެންދިޔަ 300 ކާރު ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ފަށައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ސަމިޓުގައި ބައިވެރުވުމަށް ވަޑައިގެންނެވި ލީޑަރުންގެ ބޭނުމަށް އެތެރެކުރި އަގު ބޮޑު ކާރުތަކުގެ ތެރެއިން 284 ކާރު ވީތަނެއް ނޭނގޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ސަމިޓަށް ގެންދިޔަ ކާރުތަކުގެ ތެރޭގައި، ލޭންޑް ކްރޫޒާސް، ފޯޑް، މަޒްޑާ އަދި ޕަޖޭރޯ ހިމެނޭ ކަމަށްވެ އެވެ.
އެ ކާރުތައް ހޯދުމުގެ އޮޕަރޭޝަނަށް ފުލުހުންގެ ހާއްސަ ޔުނިޓެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
"އޭޕެކް ސަމިޓާއި ދިމާކޮށް އެކިއެކި އޮފިޝަލުންނަށް ދޫކޮށްފައިވާ ޖުމްލަ 284 ކާރު އަނބުރާ ދީފައެއް ނުވޭ،" ސުޕަރިންޓެންޑެންޓް ޑެނިސް ކޯކޮރަން ވިދާޅުވި އެވެ.
ނަމަވެސް، ސަމިޓަށް ގެންދިޔަ ކާރުތަކުގެ ތެރެއިން އެންމެ އަގު ބޮޑު ކާރުތައް މިހާރު ހޯދިފައިވާ ކަމަށް ކޯކޮރަން ވިދާޅުވި އެވެ.
އަނބުރާ ހޯދުނު ކާރުތަކުގެ ތެރެއިން ގިނަ ކާރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ބައެއް ކާރު ތަކުގެ ޕާޓުތައް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދެކުނު ޕެސިފިކް ގައި އޮންނަ ގައުމުގައި 7.3 މިލިއަން މީހުން ދިރިއުޅޭއިރު، ފަގީރުން ގިނަ ޕަޕުއާ ނިއު ގިނީގައި އޭޕެކްގެ ސަމިޓް ބޭއްވީ ބޭރުގެ އިންވެސްޓަރުން ހޯދޭނެ ކަމުގެ އުއްމީދުގަ އެވެ.