އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުން އެހީ ހޯދަން ފުރުސަތު ހުޅުވާލައިފި

ޒަކާތު ފަންޑުން އެހީ ހޯދަން އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ.

ޒަކާތު ފަންޑުން އެހީ ހޯދަން އެދެން އިސްލާމިކް މިނިސްޓްރީން ފުރަތަމަ ކުރި އިއުލާން ބާތިލް ކޮށްފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ ފަންޑުތައް އޮޑިޓް ކުރާތީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައަޅާ ފޯމުތައް ބަލައިގަތުން މެދުކަނޑާލުމުންނެވެ.

އެ މިނިސްޓްރީން އިއްޔެ އަލުން ކުރި އިއުލާނުގައި ބުނެފައިވަނީ ބަންދު ނޫން ދުވަސްތަކުގައި ޒަކާތު ފަންޑުން އެހީ ހޯދަން އެދޭ ފޯމްތަށް ބަލައިގަންނާނެ ކަމަށެވެ.

ޒަކާތުން ފަންޑުން ވަނީ މީގެ ކުރިން މަތީ ތައުލީމު ހާސިލް ކުރުމަށާއި ބޯންމެރޯ ފަދަ ކަންކަމަށް އެހީދީފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިސްލާމިކް މިނިސްޓްރީން ވަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ލިބޭނެ އުސޫލެއް ވެސް އާންމުކޮށްފަ އެވެ.

އެސޫލުގައި ބުނެފައި ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ފޯރުކޮށްދެން ނިންމާފައިވަނީ ރާއްޖެއިން ބޭރުން ބޭސްކުރާއިރު އާސަންދައިން ނުފުދޭ ފަރާތްތަކަށާއި އަތޮޅު ތެރޭ ރަށްރަށުން އިމަޖެންސީގެ ހާލަތެއްގައި ނުވަތަ ރަށުން ފަރުވާ ނުލިބިގެން މާލެ ގެންނަ މީހުންނަށް ކަމަށެވެ. އަދި ރާއްޖެއިން ފަރުވާކުރެވެން ނެތް ބަލިތަކަށް ފަރުވާކުރަން ބޭނުންވާ މީހުނަށްވެސް އެހީތެރިކަން ލިބޭނެ ކަމަށްވެސް އެއުސޫލުގައި ވަނީ ހިމަނާފަ އެވެ،

ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދޫކުރާނީ 25،000 ރުފިޔާ އެވެ. އަދި ހާއްސަ ބަލިތަކަށް އެންމެ ގިނަވެގެން ދޫކުރަން ނިންމާފައި ވަނީ 50،000 ރުފިޔާ އެވެ.