ހަބަރު

"ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު ދަރިވަރުން ފަރުމާކޮށްދީ"

ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރެއް މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުން ފަރުމާ ކުރުމުގެ މަސައްކަތް މިހާރުއްސުރެ ފެށުމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ފުރަތަމަ ޑިގްރީގެ ކޯސްތައް ހިލޭ ކުރުން އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ޒަމާނުގައި ތައުލީމް ހާސިލް ކުރުމަކީ ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެކަން ސިފަ ކުރެވެނީ ތަރައްގީގެ މައި އިންޖީނުގެ ގޮތުގައި ކަމަށެވެ. ގައުމެއްގެ އިގްތިސާދު ބިނާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަތީ ތައުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމު ތަރައްގީ ކުރުމުގެ މަސައްކަތުގައި ތައުލީމީ ދާއިރާއަށް މި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ވެސް އެ ބޭނުމުގައި ކަމަށާއި ތަރައްގީގެ އެންމެ މުހިންމު އަސާސަކީ ތައުލީމީ ޖީލެއް ބިނާ ކުރުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާގެ ގައުމު އޮންނަންވީ ގޮތުގެ ތަސައްވަރެއް ދަރިވަރުން މިހާރު ވެސް ސިކުނޑިތަކުގައި ފަރުމާ ކުރަން ފަށަން ގޮވާލައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. އަޅުގަނޑުމެން ތަރައްގީ ކުރެވޭތޯ މި ބަލަނީ، މި ގައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ތިޔަ ޒުވާނުން. މާދަމާ މި ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު މިހާރުންސުރެ، ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ބަޖެޓުގައި 3.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު ސަރުކާރުގެ ދެ ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖުތަކުގައި މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދާ ކަމަށެވެ. އަދި ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުސަތާއެކު އެ އަދަދު 9،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ފުރަތަމަ ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު މިއަދު ހުޅުވިގެން ދިޔައިރު ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ީ، އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ފުރަތަމަ ޑިގްރީ ހާސިލްކުރަން ބޭނުންވެ، އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ ތިޔަ ޒުވާނުން މިހުރިހާ ދުވަހު ތިބި މާޔޫސްކަން މާތް ﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މި ދިޔައިއްޔޭ. އެހެންވީމާ، މި އަގުބޮޑު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ގައުމީ ތަރައްގީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވައިލަން," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް ކަމަށެވެ. ސަރުކާޜުގެ އަމާޒަކީ މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި މުސްތަގުބަލްގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު މި ސިޔާސަތު އިތުރަށް ސަރުކާރުން އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.