ރިޕޯޓް

ބިދޭސީ ބައިސްކަލްތަކަށް ކުނީގެ ލޯޑް ބޮޑުވެފައި

Jul 3, 2015

ރޯދަ މަހު އެންމެ ބާރު ބޮޑު ވެގެން ދާ އެއް ތަނަކީ ކުނި ގޮނޑެވެ. ސަބަބަކީ ރޯދަ މަހު މާލެއިން ކުނި އުފައްދާވަރު އެތައް ގުނައެއް އިތުރުވުމެވެ. މިކަމުގެ "ލޯޑު" އެންމެ ބޮޑަށް ކުރާ ބަޔަކީ މާލޭގައި ކުނި އުފުލުމުގެ ހިދުމަތުގައި ތިބޭ މުރާލި ބިދޭސީންނެވެ. ރޯދަ މަސް ފެށުމާއެކު އެ މީހުންގެ ބައިސްކަލްތަކަށް ބުރަ ބޮޑުވެގެން ދެ އެވެ. 

"ރޯދަ މަހު ވަރަށް ގިނަ ކުނި އުކަން ޖެހޭ. ބައެއް ފަހަރު ތިން ބުރުން ކިރިޔާ ކުނި ގެންދެވެނީ،" ކުނި އުކާ ދިނުމުގެ މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ މުހައްމަދު އަލީމް ބުންޏެވެ.

މާލޭގެ ރައްޔިތުން ކައިފައި "އުކާލާ" ބައި ގޮނޑަށް ގެންގޮސް ދިނުމުގައި ބިދޭސީންގެ ހިތްވަރު ރޯދަ މަހު ދެގުނަ މަތި ކުރެ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު އަހަރެމެން ނަށް ހޭވެރިކަން ވަނީ ދިހައެއް، އެގާރަ ޖަހާ ފަހުންނެވެ. ނަމަވެސް ކުނި އުކާލުމުގައި އުޅޭ ބިދޭސީން ހެނދުނު، ހެނދުނާ މަސައްކަތް ފަށަ އެވެ. އެ މީހުންގެ ބައިސްކަލުގެ ދުވެލި ބާރުކޮށް، ހަވީރު އަތަށް އަޅާއިރު ބައިސްކަލްތަކުގެ ސްޕީޑް މެކުހަށް ޖަހަ އެވެ. ކުރި އަރުވާ ބަރާކޮށްފައިވާ ބައިސްކަލްތައް ކުނިގޮނޑާ ދިމާލަށް މިސްބާރު ޖަހަ އެވެ.

މާލޭގެ 10 ގެއިން ކުނި އުކުމުގެ މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސަލީމް ބުނީ ރޯދަ މަހު އުފުލަން ޖެހޭ ކުނީގެ އަދަދު ވަރަށް ބޮޑުތަން އިތުރު ކަމަށެވެ.

ކުނި އުކައިދޭ ބިދޭސީން އާއްމު ގޮތެއްގައި ގެއަކުން ކުނި އުކާލަ ދެނީ މަހަކު 100ރ. އިން މަތީގެ އަގު ތަކެއްގަ އެވެ. މިގޮތުން ބައެއް ބިދޭސީން 10 ގެއިން ވެސް ކުނި އުކާލުމުގެ ހިދުމަތް ދެ އެވެ. އެ މީހުން ބުނާ ގޮތުގައި މި މަސައްކަތް ބުރަ ނަމަވެސް މި މަސައްކަތަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެކެވެ. މަސައްކަތް ހަޑި ނަމަވެސް ލިބޭ ލާރީން ކުނި ވަހެއް ނުދުވަ އެވެ.

"ވަރަށް ބައިވަރު ކުނި ހުންނަނީ. ބައެއް ގޭގެ އިން ދެ ފަހަރު ވެސް ކުނި އުކަން ޖެހޭ. މިއީ ބުރަ ކަމެއް. އެކަމަކު ބައިވަރު ލާރި ލިބޭ،" މާލޭގައި އުޅޭތާ ފަސް އަހަރުވެފައިވާ ސަލީމް "އަވަސް" އާ ވާހަކަ ދައްވަމުން ބުންޏެވެ.

ބައެއް ބިދޭސީން ބުނާ ގޮތުގައި ރޯދަ މަހުގެ ދެ އިރަށް ކުނި އުކިނަމަވެސް އުކަން ޖެހޭ ކުނި ރޯދަ މަހު ހުހެއް ނުވެ އެވެ.

"މާލޭ މީހުން ބައިވަރު ކަނީ. ބައިވަރު އުކަނީ. އެހެންވެ ކުނި ވަރަށް ގިނަ ވަނީ. ބައިވަރު މަސައްކަތް ހުރޭ،" ސަލީމް ބުންޏެވެ.

ކުނި އުފުލާ ބިދޭސީން ބުނާ ގޮތުގައި ރޯދަ މަހު މަސައްކަތް ވަރަށް ބުރެ އެވެ.

"ގިނައިން އުކަން ޖެހެނީ ކާ އެއްޗިހި. ވަރަށް ބައިވަރު ހުންނަނީ،" އެހެން ބިދޭސީއަކު ކިޔައިދިނެވެ.

ބިދޭސީންގެ މި މަސައްކަތުގައި ދެމިތިބެނީ މިކަމުން ލިބޭ އާމްދަނީ ބޮޑު ކަމުންނެވެ. އަދި މިކަމަށް ދިވެހިން ނުނިކުންނާތީ އެވެ.