ހަބަރު

ލަޔާލްއަށް ދިން ޓިކެޓް ޕީޕީއެމްއިން ނަގައިފި

ޗެނަލް13ގެ ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ލަޔާލް މަނިކަށް ޕީޕީއެމްއިން ދިން ޓިކެޓް އަނބުރާ ނަގައިފި އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އޭގެފަހުން މަޝްވަރާތައް ފެށި ކަމަށް ވެސް ހަބަރުތައް ފެތުރުނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޯލިޝަން އެއްބަސްވުމަކަށް ނުދިޔަ ނަމަވެސް ޕީޕީއެމްއިން މިހާރު ވަނީ ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމަށް ނިންމާފަ އެވެ. އެ ދާއިރާތަކުން ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓުންގެ އަތުން ޓިކެޓް ނަގަން ވެސް ވަނީ ނިންމާފަ އެވެ.

އެފަދަ އެއް ދާއިރާއަކީ ލަޔާލް ވާދަކުރަން ނިންމި މަތިވެރި ދާއިރާ އެވެ. އެ ދާއިރާގެ މިހާރު ވެސް މެންބަރު ހުސައިން މުހައްމަދު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވަ އެވެ.

ލަޔާލް މިރޭ އަވަސްއަށް ބުނި ގޮތުގައި މަތިވެރި ދާއިރާއަށް ޕީޕީއެމްއިން ވާދަ ނުކުރަން ނިންމާފައިވާކަން މިރޭ އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔުން މާދަމާ ހަވާލު ކުރާނެ ކަމާއި އެކަމަށް ލަޔާލްގެ ކިބައިން މާފަށް އެދޭ ކަމަށް ޕީޕީއެމްއިން ބުނެފައިވާ ކަމަށެވެ.

އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއް ދާއިރާއަކީ ގެމަނަފުށީ ދާއިރާ އެވެ. އެ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވާ ޖަމީލް އުސްމާންގެ އަތުން ޓިކެޓް ނަގައި، އޭނާގެ ތާއިދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކަމަށްވާ އަލީ އާދިލަށް ޖަމީލްގެ ތާއިދު ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށްވެ އެވެ. އަދި ހަނިމާދޫ ދާއިރާއަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ވަނީ ނިންމާފަ އެވެ. އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރައްވަ އެވެ.

އެ ދާއިރާތަކަށް ވާދަނުކުރަން ޕީޕީއެމްއިން ނިންމިއިރު ޓިކެޓް ދިން ބައެއް ބޭފުޅުން ވަނީ ފުޅާ ގޮތެއްގައި ކެމްޕެއިން ވެސް ފައްޓަވާފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ޕީޕީއެމްއިން ނިންމާނެ ކަމަށްވެ އެވެ. ޖުމްހޫރީ ޕާޓީއަށް ގިނަ ދާއިރާތަކެއް ދޫކޮށްލުމަށް އެ ޕާޓީއިން ވަނީ ނިންމާފަ އެވެ. މިހާތަނަށް ޕީޕީއެމްއިން ނިންމާފައި އޮތީ 62 ދާއިރާއަކަށް ވާދަކުރަން ނިންމާފަ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.

ޕީޕީއެމްގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ވެސް ނިންމަވާފަ އެވެ. އެގޮތުން ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ.