ހަބަރު

ޕީޕީއެމް ޓިކެޓް ދޫކޮށް މައުމޫން ވެސް އަމިއްލަ ގޮތުން ވާދަކުރަނީ

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް އާސަންދަގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

އޭނާއަށް ކުރިން އެ ދާއިރާއަށް ކުރިމަތިލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު، ޕީޕީއެމްގެ ޓިކެޓް ދިނެވެ.

މިއަދު އަވަސްއާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އޭނާ ކުރިމަތިލައްވަނީ އަމިއްލަ ގޮތުން ކަމަށާއި ޕީޕީއެމްއިން ދިން ޓިކެޓް ދޫކޮށްލައްވާފައިވާ ކަމަށެވެ. މައުމޫން ވަނީ މީގެކުރިން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވާދަ ކުރައްވަ އެވެ. މިހާރު އެ ދާއިރާގެ މެންބަރަކީ އިލްހާމް އަހުމަދެވެ. އޭނާ އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ޕީޕީއެމްއިން ގެންދަނީ ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމަމުންނެވެ. އޭގެ ތެރޭގައި ދަގަނތި ދާއިރާ ވެސް ހިމެނެ އެވެ.

އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 183 ކެންޑިޑޭޓަކު ވަނީ އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ 14 ކެންޑިޑޭޓެކެވެ. ޕީއެންސީގެ ހަތަރު ކެންޑިޑޭޓެއް ވެސް މިހާތަނަށް ކުރިމަތިލައްވާފައިވެ އެވެ.

އެމްޑީޕީގެ 86 ކެންޑިޑޭޓެއް ކުރިމަތިލާފައިވާއިރު ޖުމްހޫރީ ޕާޓީގެ ހަ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ. އެމްޑީއޭގެ ވެސް ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު އަމިއްލަ ގޮތުން ވާދަ ކުރުމަށް 59 ކެންޑިޑޭޓެއް ވަނީ މިހާތަނަށް ކުރިމަތިލާފަ އެވެ.