ހަބަރު

ޕީޕީއެމް އެސްޖީ ކަމުން އިސްތިއުފާދީ، މަތީން އަމިއްލަ ގޮތުން ވާދަކުރަނީ

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލްގެ މަގާމުން އަބުދުލްމަތީން އަބުދުﷲ އިސްތިއުފާ ދެއްވުމަށްފަހު، އަންނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އުނގޫފާރު ދާއިރާއަށް ވާދަ ކުރެއްވުމަށް ޓިކެޓް ދީފައިވަނީ މަތީނަށެވެ. މަތީނަށް ޓިކެޓް އަރުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މަޝްވަރާތަކަށްފަހު އުނގޫފާރު ދާއިރާއަށް ޕީޕީއެމުން ވާދަ ނުކުރަން ނިންމައި، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ކުރަން ވަނީ ނިންމާފަ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މިހާރުގެ ކެނޑިޑޭޓް އިލްހާމް އަހުމަދެވެ.

މަތީން އަވަސްއަށް ވިދާޅުވީ، ޕީޕީއެމްގެ އެސްޖީގެ މަގާމުން މިއަދު ހަވީރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވަން ނިންމާފައިވާ ކަމަށެވެ.

މަތީން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓަކީ ރައްޔިތުން ބަލައިގަންނަ ކެނޑިޑޭޓެއް ނޫން ކަމަށާއި އެހެންކަމުން ރައްޔިތުން އެދުނީ އަމިއްލަ ގޮތުން އެދާއިރާއަށް ކުރިމަތިލާން ކަމަށެވެ. އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރައްވަނީ އިލްހާމް އަހުމަދެވެ.

"ދާއިރާގެ ރައްޔިތުން ބޭނުންވަނީ އެ ދާއިރާއަށް މިހާރު ވެސް ކަނޑައަޅުއްވާފައިވާ ކެނޑިޑޭޓާއެކު ކުރިއަށްދާން، އަޅުގަނޑު ދާއިރާގެ ރަށްތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވިން، އެބޭފުޅުން ބޭނުންވަނީ އަޅުގަނޑު އަމިއްލަ ގޮތުން އެދާއިރާއަށް ކުރިމަތިލައްވަން، އެހެންވެ އަޅުގަނޑު އެގޮތަށް ނިންމެވީ،" މަތީން ވިދާޅުވި އެވެ.

މަތީން ވަނީ ޕީޕީއެމްގެ އެސްޖީގެ މަގާމް މަހެއްހާ ދުވަސް ވަންދެން ފުރުއްވާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޯލިޝަން އެއްބަސްވުމަކަށް ނުދިޔަ ނަމަވެސް ޕީޕީއެމްއިން މިހާރު ވަނީ ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމަށް ނިންމާފަ އެވެ. އެ ދާއިރާތަކުން ވާދަކުރުމަށް ޕީޕީއެމްއިން ޓީކެޓް ދީފައިވާ ކެންޑިޑޭޓުންގެ އަތުން ޓިކެޓް ނަގަން ވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން ޗެނެލް 13ގެ ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކު ވާދަކުރަން ނިންމި މަތިވެރި ދާއިރާއަށް ވާދަ ނުކުރަން ނިންމައި ޓިކެޓް އަނބުރާ ގެންގޮސްފައި ވާކަމަށް ވެއެވެ. އެކަން ލަޔާލް ވަނީ އޭނާގެ ފޭސްބުކްގައިވެސް ހާމަ ކޮށްފަ އެވެ. އެ ދާއިރާއަށް ޖޭޕީ އިން ކުރިމަތި ލައްވަނީ މިހާރުގެ ވެސް މެންބަރު ހުސައިން މުހައްމަދު އެވެ.

އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއް ދާއިރާއަކީ ގެމަނަފުށީ ދާއިރާ އެވެ. އެ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވާ ޖަމީލް އުސްމާންގެ އަތުން ޓިކެޓް ނަގައި، އޭނާގެ ތާއިދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކަމަށްވާ އަލީ އާދިލަށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށްވެ އެވެ. އަދި ހަނިމާދޫ ދާއިރާއަށް ވާދަ ނުކުރަން ވެސް ޕީޕީއެމްއިން ވަނީ ނިންމާފަ އެވެ. އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރައްވަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އެދާއިރާއަށް ޖޭޕީ އިން ވާދަ ކުރައްވާ ކެނޑީޑޭޓަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހެން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ޕީޕީއެމްއިން ނިންމާނެ ކަމަށްވެ އެވެ. ޖުމްހޫރީ ޕާޓީއަށް ގިނަ ދާއިރާތަކެއް ދޫކޮށްލުމަށް އެ ޕާޓީއިން ވަނީ ނިންމާފަ އެވެ. މިހާތަނަށް ޕީޕީއެމްއިން ނިންމާފައި އޮތީ 62 ދާއިރާއަކަށް ވާދަކުރަން ނިންމާފަ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.

ޕީޕީއެމްގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ވެސް ނިންމަވާފަ އެވެ. އެގޮތުން ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާން، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ދީދީ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ.