ހަބަރު

"މާވަށު ދާއިރާއަށް ކުރިމަތިލާން ނިންމިން"

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާށު ދާއިރާއަށް ވާދަ ކުރައްވަން ބޭނުންފުޅުވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މާވަށު ދާއިރާއަށް ވާދަ ކުރައްވަނީ ކުރީގެ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ރޭ މާވަށުގައި ބޭއްވި ސައީދުގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން ސައީދުގެ ފޯނަށް ގުޅުއްވައި އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާވަށު ރައްޔިތުންނަކީ އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ ރައްޔިތެއް ކަމަށާއި އެ ދާއިރާގެ ފުރިހަމަ ތާއީދު ޕީޕީއެމަށް އޮތް ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިން ނިންމާފައި ވަނީ މާވަށު ދާއިރާއަށް އެމަނިކުފާނު ވާދަ ކުރެއްވުމަށް ކަމަށާއި ނަމަވެސް ދާއިރާތައް ހުސްވަމުން ދިޔުމާ ގުޅިގެން ފަހުން މާވަށު ދާއިރާއަށް ކުރިމަތިލުމުގެ ވިސްނުންފުޅު ދޫކޮށްލެއްވި ކަމަށެވެ.

އެމަނިކުފާނުގެ އަރިސް އަދި ވަރަށް އިތުބާރު ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެ ދާއިރާ ދެއްވުމަށް ނިންމެވީ ކަމަށް ރައީސް ޔާމީން އެ ކޯލްގައި ވިދާޅުވެ އެވެ. -- ކުރީގެ ރައީސް މިހެން ވިދާޅުވި އިރު އަދި އެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވި ކަމަކަށް ވެސް އެހެން ދާއިރާއަކަށް ވާދަ ކުރައްވާނެ ކަމަކަށް ވެސް ވިދާޅެއް ނުވެއެވެ. އެ އިންތިހާބަށް ވާދަ ކުރަން ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެބައޮތެވެ.

"އަޅުގަނޑު ކުރިން އުޅުނީ މާވަަަށު ދާއިރާއަށް ކުރިމަތިލާން ނަމަވެސް ދާއިރާތައް ހުސްވަމުން ހުސްވަމުން ގޮސް މުޅިން ހުުސްވީމަ އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް މާވަށު ދާއިރާ ދޫކޮށްލަން. އެހެންވެ އަޅުގަނޑު ބޭނުންވަނީ ތިބޭފުޅުން ވަރުގަދަ މަސައްކަތެއްކޮށް އަޅުގަނޑަށް ވެސް ޕީޕީއެމްއަށް ވެސް ވިސްނަވާފައި ބޮޑު އަގުލަބިއްޔަތެއް ސައީދަށް ނަގައިދެން،"

ކުރީގެ ރައީސް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލެއްވުމުން އޭގެ ހިތްދަތިކަން އުޅޭނެ ކަން ގަބޫލު ކުރައްވާާ ކަމަށެވެ. ނަމަވެސް އެ ޕާޓީއާ އާއި ރައީސް މައުމޫންގެ ޕާޓީ ވެސް އެއް ދާއިރާއަކަށް ވާދަ ކުރުމާ ގުޅިގެން އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކުރުމަށް އޮންނަ ފުރުސަތު ކުޑަވެގެން ދާނެ ކަމަށާއި ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށްލައްވަނީ އެހެންވެ ކަމަށެވެ.

ޖޭޕީއާ އަޅުގަނޑުމެންނާ ދެ ބައި މީހުން އެއް ދާއިރާއަކަށް ވާދަކޮށްފައި އަދި އެ ތަންތަނަށް ރައީސް މައުމޫންގެ ފަރާތުން ވެސް ވާދަ ކުރީމަ އެ ގޮނޑި އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑުވެގެން ދަނީ، އެހެންވީމަ އަޅުގަނޑުމެން ބައެއް ދާއިރާތައް ދޫކޮށްލުމަށް ނިންމީ، އެނގޭ އޭގައި ހިތްދަތިކަން އެކި ހިސާބުތަކުގައި އުޅޭނެކަން އެހެން ނަމަވެސް މާވަށު ދާއިރާ އަޅުގަނޑު ބޭނުމެއް ނުވި މި ދާއިރާ ދޫކޮށްލަން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ވަނީ ތުމަތު ކުރާ ޖިނާއީ މައްސަލަތަކެއް ފުލުހުން ގެންދަނީ ބަަލަމުންނެވެ. އަދި އޭގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލައެއްގައި ދައުވާ ކުރުމަށް ވެސް ވަނީ ފޮނުވައިފަ އެވެ.