ހަބަރު

އެޗްއައިވީ ލޭ އެޅި މައްސަލައިގައި ދައުވާ ކުރި އިންޑިއާ މީހާ އެނބުރި ގައުމަށް

އައިޖީއެޗުން ބަލި މީހެއްގެ ގަޔަށް އެޗްއައިވީ ލޭ އެޅުނު މައްސަލައިގައި ދައުވާ ކުރި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރި އިންޑިއާ ޓެކްނީޝަން އެނބުރި ގައުމަށް ހިނގައްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާޖޭޝް ކަކަނަޓަ ކިޔާ އެ މީހާ އެނބުރި އިންޑިއާއަށް ގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ އެ މީހާ އެނބުރި އިންޑިއާޔަށް ދިޔައިރު، އެ ގައުމުގެ ޖަސްޓިސް އެންޑް ވެލްފެއާ މިނިސްޓަރާއި އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔާފައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގި އެ ހާދިސާޔާ ގުޅިގެން، އޭނާގެ އިހުމާލު އެ މައްސަލައިގައި ހިމެނޭ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ވަކި ހިސާބަކުން ބޭރުކޮށްލައިފަ އެވެ. ކްރިމިނަލް ކޯޓުން އެ ދައުވާ ބޭރުކޮށްލީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ ލޭ ހަދިޔާ ކުރި ޑޯނަރު ރަނގަޅަށް ޗެކް ނުކޮށް ޕްރޮސީޖާތަކުގެ ބޭރުން ލޭ ނަގާފައިވާތީ އެވެ. އަދި ލޭ ނެގުމުގެ ކުރިން ހަދަން ޖެހޭ ބައެއް ޓެސްޓްތައް ނުހަދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މީހާގެ މައްޗަށް ދައުވާ ކުރުމުން، އިންޑިއާ އިން ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެ އޭނާ ސަލާމަތް ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.