ހަބަރު

މީޑިއާގެ މިނިވަންކަމަށް އަބަދުވެސް މަސައްކަތް ކުރާނަން: ރައީސް

މީޑިއާގެ މިނިވަންކަމަށްޓަކައި މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލުން ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާ ބެހޭ މައުލޫމާތު ރައީސަށް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން މީޑިއާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މީޑިޔާ ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލުގެ މެންބަރުން ވަނީ ރައީސްއަށް ހުށަހަޅުއްވާފަ އެވެ.

ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މީޑިއާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ މެންބަރުން ވަނީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް އެ ކައުންސިލުން އެކުލަވާލައި ތައްޔާރުކުރި "އަލިމަސް" ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.