ވިޔަފާރި

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެރިއެއް ހަމަޖައްސައިފި

މަނީލޯންޑްރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ މައްސަލަތައް ބެލުމަށް މަރުކަޒީ ބޭންކުގެ ތެރޭގައި ގާއިމްކޮށްފައިވާ، މިނިވަން ބޯޑް، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އާ ވެރިއަކު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެފްއައިޔޫ ހިންގުމުގެ މަގާމަށް ހަވާލުކޮށްފައިވަނީ އިބްރާހިމް އަހުމަދު ނާސިރުއާ ކަމަށެވެ.

އިބްރާހިމް އަހުމަދު ނަސީރުއަކީ ކުރިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީމި ދެ ކުންފުނީގެ ސީއީއޯގެ މަގާމު ތިން އަހަރު ފުރުއްވާފަ އެވެ. އަދި ފުލުހުންގެ ހިދުމަތުގައި 11 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްއެމްއޭގެ ކްރެޓިޑް ގެރެންޓީ ޔުނިޓުގެ ހެޑްކަމާއި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުކަން ވެސް ފުރުއްވާފައިވެ އެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުން ހުއްޓުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޮޑީއެކެވެ.

އެފްއައިޔޫގެ ހެޑްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން ވަކިކޮށް އެމްއެމްއޭގެ އެހެން ސެކްޝަނަކަށް ބަދަލު ކުރެއްވީ މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރު އެވެ.

އެފްއައިޔޫއަށް އާ ހެޑެއް ހަމަޖެއްސިއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި ދުވަސްވަރު މި ޔުނިޓުން އަޅާނުލުމާއި އިހުމާލުވެފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގެ ފަހު ދުވަސްކޮޅު އަޝްރަފު ވަނީ ޔާމީންގެ މަނީލޯންޑްރިންއަށް ތުހުމަތުވާ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. އޭނާ މަގާމުން ދުރުކުރީ އެއަށްފަހު އެވެ.