ހަބަރު

ޔޫރަޕުގެ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމަށް ފުރުސަތު ލިބިއްޖެ

ޔޫރަޕުގެ އެންމެ މަޝްހޫރު ކްލަބްތައް ކުޅޭ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމް ބައިވެރިވާން ފުރުސަތު ލިބިއްޖެ އެވެ.

މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި ޔުއެންޓާސް ފަދަ ކްލަބުތައް ބައިވާ 13 އަހަރުން ދަށުގެ ދުބާއީ އިންޓަކޮންޓިނެންޓަލް ކަޕްގެ މިއަހަރު ބޭއްވި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ދުބާއީގައި އޮތް އެމުބާރާތް ބައްލަވައިލެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ދުބާއީއަށްވެސް ވަޑައިގެންފަ އެވެ.

ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ބާއްވާ މުބާރާތުގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

"މިއީ ދިވެހި ތާރީހުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އޮޕަޓިއުނިޓީއެއް، މިފުރުސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކާއި ޕޮލިސީތައް ތަންފީޒު ކުރުމުގައި ސަރުކާރުގެ އިދާރާތަކުން އަޅުގަނޑުމެންނަށް ލިބެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށްވެސް ލިބިގެންދަނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު މި އައީ ތަޖުރިބާ ކޮށްފަ ދުބާއީގެ ސްޕޯޓްސް ފެސިލިޓީސްތައްވެސް، ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއްގެ އިތުރުން އެކިތަފާތު ޑައިވާސް ޓޫރިޒަމް އެކްސްޕެކްޓްސްތައް ގެނައުމަށްޓަކައި ރާއްޖެއަށް އެކި ފެސިލިޓީސްތައް އަންނަން ޖެހޭ، އެކަމުގެ ތަޖުރިބާތައް މިފަހަރު ލިބިގެން ގޮސްފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 13 އަހަރުން ދަށުގެ ބޮޑެތި ޓީމްތައް ބައިވެރިކޮށްގެން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުވެސް މި ދަތުރުން ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި އެފަދަ މުބާރާތެއް ބޭއްވުމަށް ފެސިލިޓީސްތައް ގާއިމް ކުރެވިއްޖެނަމަ އެމުބާރާތް ބޭއްވޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ހުރި ކަންކަން ސަރުކާރާއެކު މަޝްވަރާ ކުރެއްވުމަށްފަހު ފަހުން ހިއްސާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.