ބޮލީވުޑް

އިޝާން ދެން ފެންނާނީ ބަންސާލީގެ ފިލްމަކުން؟

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު އާއެކު ބޮލީވުޑަށް ނިކުތް އެކްޓަރު އިޝާން ޚައްޓާރް އަކީ މިހާރު އެ ދާއިރާގައި ކުރިއަރަމުން އަންނަ ތަރި އެކެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކުރި ފިލްމު "ދަޅަކް" އިން ބެލުންތެރިންގެ މަގުބޫލުކަން ދަމައިގަތީ ޖާންވީ އަށްވުރެ ބޮޑަށް އިޝާން އެވެ.

އެ ފިލްމަށްފަހު ބޮޑެތި ޑައިރެކްޓަރުންގެ ފިލްމުތަކުން އިޝާންްއަށް ތަފާތު ރޯލުތައް ހުށަހަޅަމުން އަންނަ ކަމަށް ބޮލީވުޑްގެ ނޫސްތަކުން ބުނެ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމުގެ ލީޑް ރޯލު ހުށަހަޅާފައިވަނީ އިޝާން އަށެވެ. އަދި މި ރޯލު އޭނާއަށް ހުށަހެޅީ "ދަޅަކް"ގައި އޭނާ ދެއްކި ހުނަރަށް ބަލާފައި، އެ އެކްޓިން ބަންސާލީ އަށް ވަރަށް ކަމުގޮސްގެން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ބަންސާލީ ޕްރޮޑަކްޝަން އިން ގެނެސްދޭ ފިލްމުތަކުގައި މިހާރަކަށް އައިސް ދީޕިކާ އާއި ރަންވީރުގެ ޖޯޑު ވަރަށް ގިނައިން ފެނެ އެވެ. މިއީ ބަންސާލީގެ "ފޭވަރިޓް" ކަޕަލް ކަމަށް ބުނާއިރު، މި ޕްރޮޑަކްޝަން ހައުސް އިން ދެން އެންމެ އަވަހަށް އުފައްދާ ފިލްމުގައި އިޝާން އަށް ފުރުސަތު ދިނުމަކީ އޭނާ މިދާއިރާގައި އެހެން ފަންނާނުންނެކޭ އެއްވަރަށް ކުރިއަށް ޖެހިލަން ލިބޭ ބޮޑު ފުރުސަތަކަށް ވާނެ އެވެ.

އިޝާން ބޮލީވުޑްގައި ކުރިއަރަމުން އަންނައިރު އޭނާގެ މަގުބޫލުކަން އިތުރުވީ އޭނާ އަކީ އެކްޓަރު ޝާހިދް ކަޕޫރުގެ ކޮއްކޮ އަކަށް ވުމުންނެވެ. އޭނާ ވަނީ މިހާރު ދެ ފިލްމެއް ކުޅެފަ އެވެ. އަދި ޝާހިދް ކަޕޫރު އާއެކު 2005ގައި ވަނީ ފިލްމެއްގެ ސައިޑް ރޯލަކުންވެސް ފެނިފަ އެވެ. މިކަމާ ގުޅިގެން ސަންޖޭ ލީލާ ބަންސާލީވެސް އަދި އިޝާންވެސް ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.