ދުނިޔެ

ބަންގްލަދޭޝް: ފަގީރު އަވަށެއްގައި އަލިފާންރޯވެ ނުވަ މީހުން މަރު

Feb 18, 2019

ޑާކާ (ފެބްރުއަރީ 18) - ބަންގްލަދޭޝްގެ އިރު ދެކުނުން އޮންނަ ޗިޓަގޮންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް ނުވަ މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ފަގީރު އަވަށެއްގައި ރޯވެ، އަލިފާންގަނޑު ވަރަށް ބާރު ސްޕީޑުގައި ފެތުރިގެން ދިޔަކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ހާދިސާ ހިނގިތާ ފަސް ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވިއިރު، 200 އަށް ވުރެ ގިނަ ގެތައް އަނދާ އަޅިއަށްވެފައިވާކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.

އެތަކެއް މީހުންނަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުންދާއިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށާއި، އެކަމުގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ބިކަ ހާލުގައި އެތަކެއް މިލިއަން މީހުން ދިރިއުޅެމުންދާ ފަގީރު އަވަށްތަކުގައި އަލިފާނުގެ ހާދިސާތައް ވަނީ އާންމުވެފަ އެވެ.