ވިޔަފާރި

ދިގު ފެތުމުގެ ބަައިވެރިންނަށް ލިޔުން ހަވާލު ކޮށްފި

"ބާ ބީއާރް ކްރޯލް" ގެ ނަމުގައި ބ. އަތޮޅުގައި ބޭއްވި ފެތުމުގެ ހަރަކާތުގެ ފެތުންތެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.

މި ފެތުމަކީ ގާނޫނީ ވަކީލް އަދި "ސްވިމް މޯލްޑިވްސް" ގެ ރައީސް ހުސެއިން ޝަމީމްގެ ހިޔާލަކަށް ސުވިމް މޯލްޑިވްސް އިން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި އެންވަޔަރުމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގައި އަށް ފެތުންތެރިޔަކު 23 ރަށަކަށް އަރާފައިވާއިރު މިއީ ކަނޑު ހުރަސްކޮށް ރާއްޖޭގައި މިހާތަނަށް ފެތި އެންމެ ދިގު ފެތުމެވެ. މި ފެތުމުގައި ބައިވެރިވި ފެތުންތެރިންނަށް ލިޔުން ހަވާލު ކުރީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީިދެވެ.

ފެތުންތެރިންނަށް ލިޔުން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި ސްވިމް މޯލްޑިވްސްގެ ފެތުމުގެ މުބާރާތްތަކުގައި ގިނަ ދިވެހިން ބައިވެރި ކުރުމުގެ އިތުރުން، ފަތުރުވެރިންގެ ބައިވެރިވުން ވެސް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި ހަރަކާތް މެދުވެރިކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުން ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ސްވިމް މޯލްޑިވްސްގެ "ބާ ބީއާރް ކްރޯލް" ހަރަކާތުގައި އަށް ފެތުންތެރިންނާއެކު ފަތުރުވެރިއަކު ވެސް ބައިވެރިވި އެވެ. އެ
ޓީމުން ވަނީ 43.7 ކިލޯމީޓަރަށްވުރެ ދިގު ކޮށް ފަތާފަ އެވެ. އަދި، ކަނޑު ހުރަސްކޮށް މިގޮތަށް ފެތި އެންމެ ދިގު ފެތުމާއި ކަނޑު ފަތާފައި 23 ރަށަށް އެރުމުގެ ރެކޯޑްވެސް މި ޓީމުން ހޯދި އެވެ. އެންމެ ފަހު ދުވަހުގެ ފެތުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.