ހަބަރު

ގެއެއްގެ މަތިން ކުނިކޮތަޅެއް އަންހެނެއްގެ ބޮލަށް ވެއްޓި އަނިޔާވެއްޖެ

Feb 18, 2019

ގެއެއްގެ ބެލްކަނިން ވެއްޓުނު ކުނި ކޮތަޅެއް އަންހެނެއްގެ ބޮލަށް ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 7:00 އެހާކަންހާއިރު، ހިނގި މި ހާދިސާގައި ކުނި ކޮތަޅު އަންހެނެއްގެ ބޮލަށް ވެއްޓުނީ ހ. ބްލޫހައުސްގެ ހަވަނަ ފަންގިފިލާއިން އެ ކުނި ކޮތަޅު ވާޖަހާފައި ބާލަނިކޮށް ކޮތަޅު ފަޅައިގެން ގޮސްގެން ކަމަށެވެ. އެ ކުނިކޮތަޅު ވެއްޓިފައި ވަނީ އެވަގުތު އެ ސަރަހައްދުން ހިނގާފައި ދިޔަ 35 އަހަރުގެ އަންހެނެއްގެ ބޮލަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކޮތަޅުގައި ހުރީ ބަދިގެއިން އުކާލާ ޒާތުގެ ކުންޏެވެ.

ފުލުހުން ބުނީ އަންހެން މީހާގެ ބޭރު ފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް، މަންޒަރު ދުށް ބައެއް މީހުން ބުނީ، އަންހެން މީހާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހުޅުމާލޭގައި ހަނދަމުން ދިޔަ އިމާރާތެއްގެ މަތިން ގާބުރިއެއް ވެއްޓި އިއްޔެ ވަނީ މީހަކު މަރުވެފަ އެވެ. އަދި ގެއެއްގެ މަތިން ވެއްޓުނު ކަޓިން ބޯޑެއް މީހެއްގެ ބޮލުގައި ޖެހި، ރޭ އަނިޔާވެ ފަރުވާދީފައިވެ އެވެ.