ދުނިޔެ

އައިއެސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފި

Jul 4, 2015

ހަނގުރާމަވެރިން ވެރިވެ ގަނެފައިވާ މިސްރުގެ ސައިނާއީގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ގޮފިން އިޒްރޭލަށް އަމާޒުކޮށް ދެ ރޮކެޓް ހަމަލާ މިއަދު ދީފި އެވެ.

ސައިނާއީ ޕެނިންސޫލާގެ ނަމުން ނަން ދީފައިވާ އެ ޖަމާއަތުން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް އެ ހަމަލާ ދިނީ އިޒްރޭލުން މިސްރަށް ދެމުންދާ އަސްކަރީ އެހީއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އެ ދެ ރޮކެޓް އައިސް ވެއްޓުނީ ނެގެވް ނަމަކަށް ކިޔާ އަވަށުގެ ހުސް ބިމަކަށް ކަމަށާއި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ގާޒާއާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އެ އަވަށާއި ކައިރި އަވަށްތަކުން ސައިރެންގެ އަޑު އެ ވަގުތު އިވުނު ކަމަށްވެ އެވެ.

ސައިނާއީ އާއި އިޒްރޭލު ގުޅޭ 240 ކިލޯމީޓަރުގެ ބޯޑަރެއް އޮވެ އެވެ.

އިޒްރޭލަށް އަމާޒުކޮށް އައިއެސް އިން ހަމަލާ ދީފައި މި ވަނީ ސައިނާއީގައި އުޅޭ ހަނގުރާމަވެރިންނަށް ގާޒާގައި ވެރިކަންކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެހީތެރިވަމުންދާ ކަމަށް އިޒްރޭލުން ތުހުމަތުކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެވެ.

މި ހަމަލާ ދިން ސައިނާއީ ޕެނިންސޫލާ ޖަމާއަތުން ވަނީ މިސްރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަަމަލާތަކެއް ދީ، ގިނަ އަދަދެއްގެ ސިފައިން މިދިޔަ ހަފުތާގައި މަރާލާފަ އެވެ. ސައިނާއީގެ ޝެއިހް ޒުވެއިދުގެ ނަން ދީފައިވާ ސަރަހައްދުގައި ހުރި އަސްކަރީ ޗެކްޕޮއިންޓްތަކަކަށް އަމާޒުކޮށް ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ދޭން ފެށި ހަމަލާތައް ގާތްގަނޑަކަށް އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔައިރު، ގާތްގަނޑަކަށް 20 ސިފައިންނާއި 100 އަށް ވުރެ ހަނގުރާމަވެރިން މަރުވެފައިވެ އެވެ.

މިއީ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން އަސްކަރިއްޔާ އިން ނުކުމެ މިދިޔަ އަހަރު ވައްޓާލި ފަހުން ސައިނާއީ ސަރަހައްދުގައި ހަނގުރާމަވެރިންގެ ބާރު ގަދަ ކުރި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މިދިޔަ އަހަރު ފަހުކޮޅު ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު އެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވާއިރު، ހަނގުރާމަވެރިން ވަނީ މިހާތަނަށް 600 ސިފައިން މަރާލާފަ އެވެ.