ބޮލީވުޑް

ކެޓްރީނާ މިއަހަރު ބޭނުންވަނީ ބައިވެރިއެއް!

ބަތަލާ ކެޓްރީނާ ކެއިފް ހުސްކޮށް ހުންނަތާ މިހާރު ވަރަށް ދުވަސް ވެއްޖެ އެވެ. ހުހަށް މާ ގިނަ ދުވަހު ހުންނަން ފޫހިވެއްޖެ ކަމަށާއި މި އަހަރު ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިޔެއް ބޭނުން ކަމަށް އެންމެ ފަހުން ކެޓްރީނާ ވެސް ބުނެފި އެވެ.
އިންޑިއާގެ ޓީވީ ޕްރޮގްރާމް "ފޭމަސްލީ ފިލްމް ފެއާ" ގައި އޭނާއަށް ކުރި ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ މިއަހަރު އެންމެ ބޭނުން ވަނީ ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިޔަކާއި، ފިލްމްފެއާ އެވޯޑަކާއި އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށެވެ.

"މިއަހަރު އެންމެ ބޭނުން ވަނީ ފިލްމް ފެއާ އެވޯޑެއް، ލޯބީގެ ގޮތުން ގުޅިގެން އުޅޭނެ ބައިވެރިޔެއް، ހުހަށް ހުންނާކަށް ދެން ބޭނުމެއް ނޫން އަދި އަހަރެން ބޭނުންވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް،" މިއަހަރު ބޭނުންވާ ތިން ކަމަކީ ކޮބައިތޯ ސުވާލުކުރުމުން ކެޓްރީނާ ޖަވާބު ދިނެވެ.

މީގެ އިތުރުން އެ ޕްރޮގްރާމްގައި އޭނާ ބޭނުންވަނީ ކިހިނެއް ހުންނަ މީހެއްތޯ ސުވާލު ކުރުމުން ޖަވާބުގައި ބުނެފައިވަނީ، އޭނާ ބޭނުންވާ ކަން އެނގެން ޖެހޭނެ ކަމަށެވެ. އަދި މަޖާ މިޒާޖެއް ހުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ގައިން މީރުވަސް ދުވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރަންބީރު ކަޕޫރު އާއެކު އެވެ. ރަންބީރުއާއެކު އޭނާ ވަނީ ފަސް އަހަރު އެކުގައި އުޅެފަ އެވެ. ރަންބީރު އާ ދުރުވުމަށްފަހު، ހުހަށް ހުންނަތާ މިހާރު ދުވަސްކޮޅެއް ވެދާނެ އެވެ.
އަދި، ގިނަ ބަޔަކަށް މި ހަބަރު ލިބުމުން، ރަންބީރުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަލްމާން ޚާންވެސް މިހާރު ހުރީ ހުސްކޮށް ކަމަށާއި މި ދެ ތަރިންނަކީ ސްކްރީން ކުރިމަތީގައި ވެސް އެންމެ ފުރިހަމަ ޖޯޑު ކަމަށް ބުނެ، ސަލްމާން ޚާން އާއެކު ލޯބީގެ ގޮތުން ގުޅޭތަން އަލުން ފެނޭތޯ އޭނާގެ ފޭނުން ދަނީ ބުނަމުންނެވެ.