ދުނިޔެ

ސޯލާ މަތިންދާ ބޯޓުގެ ޕެސިފިކް ދަތުރު ކާމިޔާބުކޮށް ތާރީހުގެ ތެރެއަށް

Jul 4, 2015

އަވިން އުފައްދާ ހަކަތަ އެކަނި ބޭނުންކޮށްގެން ދުއްވާ މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ފުރަތަމަ ފަހަރަށް ބުރެއް ޖެހުމަށް ކުރާ މަސައްކަތުގައި، ޕެސިކް ކަނޑު ހުރަސްކުރުމުގެ އުދަނގޫ ދަތުރު ކާމިޔާބުކޮށް، އެމެރިކާގެ ހަވާއީގައި ޖައްސައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ޖަޕާނުން ފުރައިގެން، ވައިގެ ތެރޭގައި 118 ހޭދަކުރުމަށް ފަހު ހަވާއީގެ ކަލައީލޯ އެއާޕޯޓުގައި "ސޯލާ އިމްޕަލްސް 2" ޖެއްސީ އިއްޔެ ހެނދުނު އެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.

އެ ދަތުރަށް ޖަޕާންގެ ނަގޯޔާ އިން ނައްޓާލީއްސުރެ، "ސޯލާ އިމްޕަލްސް 2" ދުއްވަމުން ދަނީ ސްވިޓްޒަލެންޑަށް އުފަން ބޯޝްބާގެވެ. ހަވާއީގައި މަޑުކުރުމަށް ފަހު ދެން "ސޯލާ އިމްޕަލްސް 2" މިސްރާބު ޖަހާނީ އެރިޒޯނާ ސްޓޭޓުގެ ފީނިކްސް އަށެވެ. އެ އަށް ފަހު ނިއު ޔޯކަަށް ދިއުމަށް ފަހު، އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ބޯޓުގެ ދަތުރު ފެށި އަބޫ ދާބީ އަށް އެނބުރި ދާނެ އެވެ. އެ ދަތުރުތައް ކުރާނީ ބޯޝްބާގުގެ ބައިވެރިޔާ، ޕްރެންޓެން ޕިކާޑެވެ.

"ސޯލާ އިމްޕަލްސް 2" ވަނީ އިއްޔެ ވެސް ދުނިޔޭގެ ރެކޯޑެއް ހަދާފަ އެވެ. އެއީ ތެޔޮ އަޅަން މެދުކަނޑާލުމެއް ނެތި، ހުއްޓާނުލާ އެކަކު އެންމެ ދުރަށް ދުއްވި ފްލައިޓްގެ ރެކޯޑެވެ. ބޯޝްބާގް އެ ރެކޯޑު ހެދި ހުއްޓާނުލާ 76 ގަޑިއިރު ދުއްވައިގެންނެވެ.

މީގެ ކުރިން އެ ރެކޯޑް ހަދާފައި ވަަނީ އެމެރިކާގެ ޕައިލެޓް ސްޓީވް ފޮސެޓް އެވެ. ދެހާސް ހަ ވަނަ އަހަރު އޭނާ އެ ރެކޯޑް ހެދީ އިންޖީނު އެޅި މަތިންދާ ބޯޓެއްގައި ހުއްޓުމެއް ނެތި 41،000 ކިލޯމީޓަރަށް ވުރެ ދުރަށް ދުއްވައިގެން، ދުނިޔެ ވަށާ ބުރެއް ޖަހައިގެންނެވެ. އެކަމަކު، އެ ވަގުތުގެ ތެރޭގައި އެންމެ 5،500 ކިލޯމީޓަރުގެ ދުރުމިނަކަށެވެ. އެއީ އަވިން އުފައްދާ ކަރަންޓް ނޫން އެއްޗެއް "ސޯލާ އިމްޕަލްސް 2"ގައި ބޭނުން ނުކުރާތީ އެވެ.

ޕެސިފިކް ކަނޑު ހުރަސްކުރުމުގެ ތާރީހީ ދަތުރު އެންމެ ފުރަތަމަ ފެށީ ޗައިނާގެ ނަންޖިންގް އަވަށުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެކަމަކު ވަކި ހިސާބަތަކަށް ދެވުނުތަނާ މޫސުން ގޯސްވެގެން ޖަޕާނުގެ ނަގޯޔާ އަވަށުގައި ޖައްސަން ޖެހުނީ އެވެ. ޖަޕާނުން ފުރަން މިދިޔަ ހޯމަ ދުވަހު އުޅެނިކޮށް ވެސް މޫސުން ގޯސްވެގެން އެ ދަތުރު ހުއްޓާލަން ޖެހުނެވެ. އެހެންވެ، "ސޯލާ އިމްޕަލްސް 2" އަށް ފުރުނީ އެ ދުވަހު ހެނދުނު އެވެ.

ޕެސިފިކް ކަނޑު ހުރަސްކުރުމަށް ކުރާ ފަސް ދުވަހާއި ފަސް ރޭ ހޭދަވާނެ ކަމަށް ބެލެވޭ ދަތުރަކީ، ދުނިޔެ ވަށާ ބުރެއް ޖެހުމަށް ބޯޝްބާގާއި ޕިކާޑު މިދިޔަ މާޗު މަހު ފެށި މަސައްކަތުގެ ހަތް ވަނަ މަރުހަލާ އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީގެ ބައިނަލްއަގްވާމީ އެއާޕޯޓުން ފެށި މި މަސައްކަތުގައި، 12 ގަޑިއިރުގެ ދަތުރަކަށް ފަހު "ސޯލާ އިމްޕަލްސް 2" ފުރަތަމަ ބަނދަރުކުރީ އޮމާންގަ އެވެ. އެ އަށް ފަހު، އިންޑިއާ އާއި މިޔަންމާ އަދި ޗައިނާގައި މަޑުކޮށް، އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުގެ މުހިއްމުކަން އަންގައިދިނުމަށް ހާއްސަ ކެމްޕޭންތަކެއް ހިންގާފައިވެ އެވެ. އެއިން ކޮންމެ ގައުމެއްގައި ވެސް، ބޯޓަށް ކޮންމެހެން ބޭނުންވާ މަރާމާތުތައް ކުރުމުގެ އިތުރަށް، ދެ ޕައިލެޓުން ވެސް ވަނީ އަރާމުކުރުމަށް މަޑުކޮށްލާފަ އެވެ.

މިއީ ދުނިޔެ ވަށާ ބުރެއް ޖަހަން މި ދެ ޕައިލެޓުން މަސައްކަތްކުރާ ފުރަތަމަ ފަހަރު ކަމަށް ވިޔަސް، މީގެ ކުރިން ވެސް "ސޯލާ އިމްޕަލްސް" މަޝްރޫއު ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. އެ ގޮތުން، އެންމެ ފާހަގަކޮށްލެވެނީ 2013 ވަނަ އަހަރު، "ސޯލާ އިމްޕަލްސް 1" އެމެރިކާ އަށް ކުރި ޓްރާންސިޓް ދަތުރެވެ.

"ސޯލާ އިމްޕަލްސް 1"ގެ ތަޖުރިބާ އަށް ބެލުމަށް ފަހު، 13 އަހަރުދުވަހުގެ ދިރާސާ އާއި މަސައްކަތުން އުފައްދާފައިވާ "ސޯލާ އިމްޕަލްސް 2"ގެ ފިޔަގަނޑު، ބޯއިން 747 ބޯޓެއްގެ ފިޔަގަނޑަށް ވުރެ ފުޅާ ވިޔަސް، ބޯޓުގެ ބަރުދަނުގައި ހުންނަނީ އެންމެ 2.3 ޓަނެވެ. މި ބޯޓު ފަރުމާކޮށްފައިވާ ލުއި ގޮތާއި ފިޔަގަނޑުގައި ހަރުކޮށްފައިވާ 17،000 ސޯލާ ޕެނަލްގެ އިތުރަށް، ރޭގަނޑުގެ ދަތުރުތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޯޓުގައި ހަރުކޮށްފައިވާ ބެޓެރިތައް ރަނގަޅަށް މަސައްކަތް ކުރުމަކީ، ފަސް މަސްދުވަސް ހޭދަވާނެ ކަމަށް ބެލެވޭ މި މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.

ގަޑިއަކު 50 ކިލޯމީޓަރާއި 100 ކިލޯ މީޓަރާ ދެމެދުގެ ބާރު މިނެއްގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ "ސޯލާ އިމްޕަލްސް 2"ގެ ދަތުރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ބޯޓުގެ ލަސް ދުވެއްޔެވެ. އެ ގޮތުން، އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ފަދަ ބިޔަ ކަނޑުތައް ހުރަސްކުރުމަށް އެތައް ދުވަހެއް ހޭދަވާނެ އެވެ. މިފަދަ ދިގު ދަތުރުތަކުގައި، ކޮންމެވެސް އެއް ޕައިލެޓަކު އަބަދު ވެސް ކޮންޓްރޯލްގައި އިންނަންޖެހޭއިރު، ނިދާލުމަށްޓަކައި ކޮންމެ މީހަކަށް ވެސް ލިބޭނީ އެންމެ 20 މިނިޓެވެ.

އެއާ އެކު، ފޯނު ބޫތެއްހާ ބޮޑުމިނުގެ ކޮކްޕިޓުގެ ތެރޭގައި އެހާ ގިނަ ވަގުތު ހަމަޖެހިލައިގެން ތިބުމަށް، ކޮންމެ ޕައިލެޓަކު ވެސް ވަނީ އެ މީހަކު އަމިއްލަ އަށް ކުރާނެ ކޮންމެވެސް ކަމެއް، ދަތުރުގެ ކުރިން ދަސްކޮށްފަ އެވެ. އެ ގޮތުން، ޔޯގާގެ ބޭނުން ހިފަން ބޯޝްބާގު ނިންމާފައި ވާއިރު، ޕިކާޑު ހިޔާރުކޮށްފައި ވަނީ ހިޕްނޯސިސްގެ އުކުޅުތަކެވެ.

ބޯޝްބާގާއި ޕިކާޑު މި މަސައްކަތަށް ނުކުތީ ކޮމްޕިއުޓަރު ސިމިއުލޭޓަރެއްގެ އެހީގައި ރަނގަޅަށް ތައްޔާރުވެގެންނެވެ. މޮނާކޯގައި ގާއިމްކޮށްފައިވާ މިޝަން ކޮންޓްރޯލާއި ބޯޓުގެ ފަހަތުން ދަތުރުކުރާ އިންޖިނިއަރުންގެ ޓީމަކުން، އެ ދެ މީހުންނަށް ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދެމުން ވެސް ދެ އެވެ.