ހަބަރު

އީސީގެ އޮފިޝަލުންނަށް ވާން އާންމުން ޖެހިލުންވޭ: އަކްރަމް

އަންނަ މަޖިލިސް އިންތިހާބުގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް އާންމުން ޖެހިލުންވާ ކަމަށާާއި އޭގެ ސަބަބުން އޮފިޝަލުން ހޯދަން ދަތިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ސެންޓަރު ހުންނަ ބާ ޖަމާލުއްދީނުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު މިހާތަނަށް އައިއިރު ކޮމިޝަނަށް ދިމާވެފައިވާ އޮތް ގޮންޖެހުމަކީ އިންިތހާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން ނުލިބުުގެ މައްސަލަ ކަމަށެވެ. އެގޮތުން ތިން ބުރަށް އިއުލާންކޮށްގެން މިއަދާ ހަމަޔަށް ލިބުނީ 1800 އޮފިޝަލުން ކަމަށާއި ނަމަވެސް 4500 އެއްހާ މީހުން ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ދިމާވީ މައްސަލަތަކާ ހެދި އީސީގެ އޮފިޝަލުންނަށް ވުމަށް ގިނަ ބަޔަކު ޖެހިލުންވާ ކަމަށެވެ. އެގޮތުން ބިރުދެއްކުމާއި ހައިޖެކްޓު ކުރުން ފަދަ ކަންކަން ހިނގާފައިވާތީ އީސީގެ އޮފިޝަލުން ހޯދަން އުނދަގޫ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް ފަހު އޮފިޝަލުންނަށް ދިމާވި ކަންކަންތަކާ ގުޅިގެން ގިނަ ބަޔަކު އޮފިޝަލުންނަށް ވުމަށް ޖެހިލުންވޭ، އިންތިހާބަށް ފަހު އެ ބޭފުޅުންނަށް ބިރުދެއްކުމާއި ހަައިޖެކްޓު ކުރުމާއި އެ ބޭފުޅުން ނާނގާ ތަންތަނަށް ގެންދިޔުން ފަދަ ކަންކަން ވީމަ އެކަމަށް ފަސް ޖެހެމުން ދަނީ،" އަކްރަމް ވިދާޅުވި އެވެ.

އޮފިޝަލުން ހޯދުމަށް ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަންގައި އަދި ދައުލަތުގެ ކުންފުނިތަކުން ވެސް އެހީ ތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.