ހަބަރު

ޔާމީންގެ ޝަރީއަތް ސިއްރެއް ނުކުރާނެ: ޕީޖީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރަން އެދިފައިނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެ ކަމަށެވެ. އަދި އެ ޝަރީއަތް ކުރިޔަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ކުރުމުގެ ދައުވާއެކެވެ. އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، އެކި ފަރާތްތަކުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އިރު، އޭގެ ތެރެއިން 1 މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފަ އެވެ.

ރައީސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ. އެހެން ނަމަވެސް ހެއްކަށް ނުފޫޒުފޯރުވަން ރައީސް ޔާމީން މަސައްކަތް ކުރައްވާކަމަށްބުނެ، ދައުލަތުން އެދިގެން އެމަނިކުފާނު މިހާރު ވަނީ މާފުށި ރިމާންޑް ޖަލުގައި ބަންދު ކުރެވިފަ އެވެ.