ހަބަރު

ޔާމީން ހައްޔަރު ކުރުމުން ޕީޕީއެމްއިން އިހުތިޖާޖު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ އިހުތިޖާޖަށް ނިކުންނަން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، އެކި ފަރާތްތަކުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލާގައި އެމަނިކުފާނުގެ މައްޗައް އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި އެ މައްސަލާގައި އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ޝަރީއަތްތައް ނިމެންދެއް ވަނީ ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަސައްކަތް ހުއްޓާލާފައި ގެޔަކަށް ނުވަންނާނެ ކަމަށެވެ. އެގޮތުން މާދަމާ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މުޒަހަރާ ކުރާނީ ގާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މަގުމައްޗައް ނިކުމެ ނުދުވާނަން. އެހެންވެ ކާނިވާ ސަރައްދުގައި އެއްވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ބަންދުގައި ބަހައްޓަން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ހައިކޯޓަށް މިއަދު ހުށަހަޅައިފަ އެވެ.