ހަބަރު

ޔާމީން ހުންނެވީ ސާބިތުކަމާއެކު: ވަކީލު

Feb 19, 2019
3

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވީ ސާބިތުކަމާއެކު ކަމަށް އެމަނިކުފާނުގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ހުންނެވީ ރައީސް ޔާމީންއާ މިއަދު ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޝިޔާޒު ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު އާކޮށް، އަޒުމު ވަރުގަދަކުރުމަށް ކަމަށެވެ.

"އެމަނިކުފާނުގެ އުއްމީދަކީ ވީއެންމެ އަވަހަކަށް ސަޕޯޓަރުންނާ ބައްދަލުވުން ކަމަށް ވިދާޅުވި،" ޝިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރު ނެރުނެވެ. އެ އަމުރާއެކު، ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އަދިވެސް ހުރީ ރައީސް ޔާމީންގެ އެކައުންޓުގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު މިހާރު އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.