ދުނިޔެ

އައިއެސްއާ ގުޅުނު ޔޫކޭ އަންހެން ކުއްޖާގެ ރައްޔިތުކަން އަތުލަނީ

Feb 20, 2019

ލަންޑަން (ފެބްރުއަރީ 20) - ދީނީ ހަރުކަށި ހިޔާލުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ ދިޔަ އިނގިރޭސި ވިލާތުގެ ޒުވާން އަންހެން ކުއްޖާގެ ރައްޔިތުކަން އަތުލަން އެ ގައުމުން ނިންމައިފި އެވެ.

ބަންގްލަދޭޝް ދަރިކޮޅުގެ ޝަމީމާ ބޭގަމް، 19 އައިއެސް އާ ގުޅުމަށް ޔޫކޭ ދޫކޮށް ސިރިއާއަށް ގޮސްފައިވަނީ 2015 ވަނަ އަހަރެވެ. ނަމަވެސް، ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅެނިކޮށް މިދިޔަ ހަފުތާގައި ފެނުނު ޝަމީމާ އެނބުރި ޔޫކޭއަށް އަންނަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އައިއެސް ހަނގުރަމާވެރިއަކާއި ކައިވެނި ކޮށްގެން އުޅެނިކޮށް ބަލިވެއިން ޝަމީމާ ވަނީ، މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ފިރިހެން ކުއްޖެއް ވިހައިފަ އެވެ. އަދި އޭނާ ބޭނުންވަނީ ދަރިފުޅު ގޮވައިގެން އެނބުރި ޔޫކޭއަށް އައިސް އާދައިގެ ދިރިއުޅުމެއް އުޅެން ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމައިފަ އެވެ. އިނގިރޭސި ގާނޫނުތައް ބުނާ ގޮތުން، އެހެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެހެން ގައުމެއްގެ ރައްޔިތުކަން ލިބެން އޮތް މީހެއްގެ ރައްޔިތުކަން އަތުލެވިދާނެ ކަމަށެވެ. ޝަމީމާ ސީރިއާއަށް އެތެރެވެފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ އެހެން ކުއްޖެއްގެ ޕާސްޕޯޓުގަ އެވެ. ނަމަވެސް، އޭނާ ސީރިއާ ބޯޑަރު ހުރަސް ކުރުމާއެކު އެ ޕާސްޕޯޓް އަތުލާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝަމީމާގެ ރައްޔިތުކަން އަތުލަން ނިންމާފައިވަނީ އޭނާއަކީ ބަންގްލަދޭޝް ދަރިކޮޅުގެ މީހަކަށްވެފައި އެ ގައުމުން އޭނާއަށް ރައްޔިތުކަން ލިބޭނެ މަގު އޮތީމަ އެވެ. އެހެނަސް، ޝަމީމާ ބުނަނީ އޭނާ ދުވަހަކުވެސް ބަންގްލަދޭޝަށް ނުވެސް ދާ ކަމަށެވެ.

ޝަމީމާގެ ދިފާއުގައި އިނގިރޭސި މަޖިލީހުގެ ބައެއް މެމްބަރުން ވެސް މިހާރު ވަކާލާތު ކުރަމުންދާއިރު، އިނގިރޭސި ހޯމް އޮފީހުން ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ.