ދުނިޔެ

ޖަޕާނު: ފުކްޝީމާ ނިއުކުލިއާ ހާދިސާގެ ބަދަލުދޭން އަމުރުކޮށްފި

Feb 20, 2019

ޓޯކިޔޯ (ފެބްރުއަރީ 20) - މީގެ އަށް އަހަރު ކުރިން އައި ބާރުގަދަ ބިންހެލުމެއްގައި، ޖަޕާނުގައި ފުކްޝީމާގެ ނިއުކްލިއާ ޕްލާންޓް ހަލާކުވެ، ޕްލާންޓުން ލީކުވި ނިއުކްލިއާ މާއްދާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އިތުރު ބަޔަކަށް ބަދަލުދޭން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

1986 ވަނަ އަހަރުގެ ޝެނޯބިލް ހާދިސާއަށްފަހު، މުޅި ދުނިޔެއަށް ކުރަމަތިވި އެންމެ ނުރައްކާތެރި ނިއުކުލިއާ ކާރިސާގެ ގޮތުގައި ސިފަކޮށްފައިވާ ހާދިސާގައި އަސަރުކުރި ޖުމްލަ 152 މީހުންނަށް ބަދަލުގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދެއްކުމަށް ޖަޕާނު ސަރުކަރަށާއި، އެ ޕްލާންޓު ހިންގި ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޯ (ޓެޕްކޯ) ގެ މައްޗަށް ޔޮކޮހާމާގެ ޑިސްޓްރިކްޓް ކޯޓަކުން ވަނީ މިއަދު ހުކުމްކޮށްފަ އެވެ.

މިހާތަނަށް ރެކޯޑު ކުރެވިފައިވާ 9.1 ބާރު މިނުގެ ބިންހެލުމުގައި، 19،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 160،000 މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވި ގޮތުގައި، ފުކްޝީމާ ހާދިސާ ހިނގަން މެދުވެރިވީ ސަރުކާރާއި ޓެޕްކޯ އިން އެކަށީގެންވާ މިންވަރަށް ފިޔަވަޅުތައް އެޅިފައި ނެތުމުން ކަމަށެވެ.

މިއީ، ފުކްޝީމާ ހާދިސާގައި އަސަރުކުރި ރައްޔިތުންނަށް ބަދަލު ދިނުމަށް އަމުރުކުރި ފަސް ވަނަ ފަހަރެވެ.