ހަބަރު

ވެއްޓުނު ބޯޓުގެ މައިގަނޑު އޮތީ 38 މީޓަރު އަޑީގައި، ނެގޭނެ ކަމުގެ އުންމީދު ކުޑަ

ވެއްޓުނު ސީޕްލޭންގެ މައިގަނޑު އޮތީ 38 މީޓަރު އަޑީގައި ކަމަށާއި އެބައި ނެގޭނެ ކަމުގެ އުންމީދު ކުޑަކަމަށް ސިފައިން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިމަޖެންސީއެއްގައި ޖައްސަން އުޅުނު ސީޕްލޭން ވެއްޓިފައި ވަނީ ކުރެއްދޫ ރިސޯޓްގެ ދެ މޭލު ބޭރަށެވެ. ބޯޓު ވެއްޓި އެއް ކަދު ނެއްޓުމާ އެކު ސީޕްލޭން ވަނީ މާ ގިނަ އިރެއް ނުވެ އަޑިއަށް ގޮސްފަ އެވެ.

ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޑިއަށް ދިޔަ ބޯޓުގެ މައިގަނޑު އޮތްތަން ލޮކޭޓް ކުރެވުނީ އިއްޔެ އިރުއޮއްސެން އުޅެނިކޮށް ކަމަށެވެ. އަދި އެ ބައި އޮތީ 38 މީޓަރު އަޑީގައި ކަމަށްވުމުން، އެބައި ނެގުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އެބައި ނެގުމުގެ މަސައްކަތް އަދި ނުފަށަން. އެއީ ވަރަށް އުނދަގޫކަމެއް އެ ނެގުމަކީ. އެބައި ނެގޭނެ ކަމުގެ އުންމީދު އެހާ ބޮޑެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ސީޕްލޭންގެ އެހެން ބައިތައް މިހާރު ވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން ކަނޑުމަތީގައި ހުރި ބައެއް ލަގަޖްތަކާއި ބޯޓުގެ އެހެން ވެސް ބައިތައް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް އޭލޭވިއޭޝަނުން ވެސް އެ މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ސީޕްލޭން ވެއްޓުނު އިރު އޭގެން 12 މީހުން ދަތުރު ކުރަމުން ދިޔަ އެވެ. އެ އެންމެންނަކީ ވެސް ކުރެއްދުއަށް އައި ޓޫރިސްޓުންނެވެ.