ހަބަރު

ހޮސްޕިޓަލަށް ގަދަބާރުން ވަނުމަކީ ސިޔާސީ ހަރަކާތެއް ނޫން: އިމްރާން

Feb 21, 2019
5

ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ގަދަބާރުން ވަދެގަނެ، ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން އައިޖީއެމްއެޗްއަށް އެއްވުމުން އެތަނުން ފޮނުވާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ސިޔާސީ ހަރަކާތަށް ހުރަސް އަޅަނީ ކަމަށް ބުނެ، ހޯމް މިނިސްޓަރަށް ފާޑުކިޔާފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްތަކާއި ސްކޫލް ފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭނެ ކަންކަން ކަމަށެވެ. އެހެންނަމަވެސް އަމަލު ކުރަން އޮންނަ އުސޫލުން ބޭރުން ކަމެއް ހިންގާފައިވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޕެޕާ ސްޕްރޭ ޖެހުމުން ފާޑުކިޔުން އަމާޒުވުމުން އިއްޔެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ޓްވީޓެއް ވެސް ކުރެއްވި އެވެ. ހަމީދު ވިދާޅުވީ ހަލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ހިފުން ހުއްޓުވާނެ ކަމަށެވެ.

މަނީ ލޯންޑްރިންގެ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައީސް ޔާމީން ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެމަނިކުފާނަށް ފަރުވާ ދެނީ ހިތުގެ ޑިޕާޓްމެންޓްގަ އެވެ.