ހަބަރު

ޕީޕީއެމްގެ ޓިކެޓް ނެގުމުން ޖަމީލު އުސްމާނު އަމިއްލަ ގޮތުން ވާދަކުރަނީ

ޕީޕީއެމްގެ ނިންމުމާމެދު ހިތްހަމަނުޖެހި، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ.

ޖަމީލު އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާއިރު އޭނާ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމަށް ހުށަހަޅާފަ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ޕީޕީއެމްއިން އެކަން ޔަގީނެއް ނުކޮށް ދިނެވެ.

ރައީސް އަބްދުﷲ ޔާމީން މީގެކުރިން ޖަމީލު އުސްމާނު ޓިކެޓް ދެއްވި ނަމަވެސް އަނބުރާ ޓިކެޓް ނެގުމަށް ނިންމެވި އެވެ. ޖަމީލު އުސްމާނުގެ އަތުން ޓިކެޓް ނެގުމަށް ރައީސް ޔާމީން ނިންމެވީ އެ ދާއިރާއަށް ކުރިމަތިލައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށްޓަކަ އެވެ.

ރައީސް ޔާމީން ވަނީ އެމްޑީޕީއަށް ފުރުސަތު ހަނިކުރުމުގެ ނަމުގައި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަން ނިންމަވާފަ އެވެ. އެގޮތުން ގިނަ ފަރާތްތަކެއްގެ އަތުން ޓިކެޓް އަނބުރާ ނަގާފައިވެ އެވެ. އެކަމާ ޕީޕީއެމްގެ ތެރޭގައި ހިތްހަމަނުޖެހުން ބޮޑުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްއާއެކު ކުރިއަށްދާ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުން ވާދަ ކުރާ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަ ކުރާ އެ ޕާޓީގެ ބޭފުޅުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެ ކޯލިޝަންގެ ތާއިދު ވެސް ނޯންނާނެ ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންގެ އިތުރުން ރައީސް ޔާމީން ތާއިދު ކުރައްވާ އެހެން ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރާ ދައިރާތަކަށް އަމިއްލަ ގޮތުން ވާދަ ކުރާ ޕީޕީއެމްގެ ފަރާތްތަކަށް ވެސް އެ ކޯލިޝަންގެ ތާއިދެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.