ހަބަރު

މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ގައުމީ ހަރަކާތެއް ފަށައިފި

Jul 4, 2015

މިދުވަސްވަރު އާދަޔާ ހިލާފު ބާރު މިނުގައި ޑެންގީ ފެތުރޭތީ މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ބޮޑު ހަރަކާތެއް ހެލްތް މިނިސްޓްރީ އިން މިއަދު ފަށައިފި އެވެ.

އެ ހަރަކާތް ދަރުބާރުގޭ ސަރަހައްދުން މިއަދު ހެނދުނު ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މިނިސްޓަރު ވިދާޅުވީ އެ ހަރަކާތުގެ ދަށުން ވޮލަންޓިއަރުން މާލޭގެ ގެތަކަށް ޒިޔާރަތް ކޮށް މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލާނެ ކަމަށެވެ. މީގެ އިތުރުން އާންމު ތަންތަނުގައި ހުރި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ސާފުކޮށް އެފަދަ ތަންތަން ވެސް ނައްތާލާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑެންގީ ހުމުން ސަލާމަތް ވުމަށް، އޮތް ދާއިމީ ހައްލަކީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމެވެ.

"މާލޭގެ އިތުރުން އެހެން ރަށްރަށުގައި ވެސް މި ކެމްޕޭން މިއަދު ފެށިގެން މިދަނީ. މިކަމުގެ ސަބަބުން މަދިރި އާލާވުން މަދުކޮށްދޭނެ. މިއީ ޑެންގީ ހުމާ ދެކޮޅަށް ފެށޭ އެންމެ ބޮޑު މަސައްކަތް،" އިރުތިޝާމް ވިދާޅުވި އެވެ.

މިއަދު ފެށި ސާފު ކުރުމުގެ ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކެބިނެޓްގެ އެހެން މިނިސްޓަރުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން އަމަލީ ގޮތުން ބައިވެރިވެ އެވެ.