ހަބަރު

ސަރުކާރު އިދާރާތަކަށް ދިވެހި ނަން ކަނޑައަޅަނީ

Feb 21, 2019
8

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅުގެ މަތިން ސަރުކާރު އިދާރާތަކާއި މުއައްސަސާތަކަށް ކިޔާނެ ދިވެހި ނަންތައް ކަނޑައެޅުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީއިން ފަށައިފި އެވެ.

ސަރުކާރުގެ ގިނަ އިދާރާތަކަށް މިހާރު ނަން ކިޔަނީ އިނގިރޭސި ބަހުންނެވެ. އެގޮތުން މިނިސްޓްރީތަކަށް ވެސް ނަން ދީފައި ހުންނަނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނެއް އޮވެ އެވެ.

މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިދާރާތަކަށް ދިވެހި ބަހުން ކިޔާނެ ނަންތަކެއް ހުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. އަދި، އެކަން އެކަޑެމީއިން ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން އެހެން ބައެއް ކަންކަން ކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން ކުޑަކުދިން ގަޔާވާ ގޮތަށް ދިވެހި ކާޓޫނު ހެދިދާނެކަން ފާހަގަކުރެއްވި އެވެ. އަދި ނޫސްވެރިން ވެސް ދިވެހި ބަހަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންނެވި އެވެ.

އެކެޑެމީގެ ރައީސް އަޝްރަފް އަލީ މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހި ބަހަކީ ނިއުމަތެއް ކަމަށާއި އެ ބަސް ހިމާޔަތް ކުރުމަކީ އަދުގެ ޖީލުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމަކީ ހުރިހާ ދާއިރާއެއްގެ ފަރާތްތަކުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ ދަރިވަރުންނަށް ޝައުގުވެރި ބަހަކަށް ހަދައި، ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް ހަދަން ޖެހޭ ކަމަށެވެ.