ހަބަރު

ޑެންގީ ހުން ފެތުރުން ކުޑަ ކުރުމަށް ރާއްޖެ ސާފުކުރަން ފަށައިފި

Jul 4, 2015

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ އިސްނެންގެވުމުގެ މަތީން މިއަދު ފެށި ރާއްޖެ ސާފުކުރުމުގެ މަސައްކަތާ ގުޅިގެން ޑެންގީހުން ފެތުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ސަރުކާރުގެ އެހެން މުވައްސިސާތައް ގުޅިގެން ރާއްޖެ ސާފުކުރުމަށް ފެށި ގައުމީ ކެމްޕޭނު އިފުތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސާފުކުރުމުގެ މަޝްރޫޢު ފެށިއިރު މާލެ އާއި ބައެއް އެހެންރަށްރަށް ވަނީ ބަލިމަޑުކަމެއް ފެތުރިދާފަދަގޮތަކަށް ހަޑިވެ، ނުސާފުވެފައި ކަމަށެވެ.

"މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށް ސާފުކުރުމުގެ މަސައްކަތް ފެށީތީ ވަރަށް އުފާކުރަން." މިނިސްޓަރ ވިދާޅުވިއެވެ. "ފަރުދީ ޒިއްމާ އަދާކުރަމުންދާކަމަށްވާނަމަ ސާފުކުރުމުގެ ކަންތައް ވަރަށް ރަނގަޅަށް ދާނެ."

މަދިރިއުފެދޭ ތަންތަން ބަލައި ސާފުކޮށް އެފަދަތަންތަނުގައި މަދިރި ނުއުފެދޭނޭ ގޮތް ހެދުމަށް މިއަދު ހެނދުނު ދަރުބާރުގޭ އިރުމައްޗަށް އޮތް ހުސް ބިމުގައި ފެށި ކެމްޕޭނުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއަހަރުގެ މިހައިތަނަށް 400 އަށްވުރެ ގިނަބަޔަކަށް ޑެންގީހުން ޖެހިފައިވާކަމަށާއި އެ ބަލީގައި ހަތަރު މީހަކު ދުނިޔެ ދޫކޮށްފައިވާކަމަށެވެ.

"އަޅުގަނޑު އެފަރާތްތަކަށް ތަޢުޒިޔާ ދަންނަވަން." ހެލްތު މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

މިއަދު ހެނދުނު މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ފެށި ސާފުކުރުމުގެ ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މަދިރިއުފެދޭ ތަންތަން ބަލައި ހޯދައި އެތަންތަނުގައި މަދިރި ނުއުފެދޭނޭގޮތް ހެދުމެވެ. އެ މަސައްކަތުގައި ސަރުކާރުގެ މުވައްސިސާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާތަކާއި އަމިއްލަފަރުދުންނާއި ސްކޫލްތަކުގެ ދަރިވަރުން ގިނަ ޢަދަދަކަށް ބައިވެރިވަމުން އެބަގެންދެއެވެ. 

އެންވައިރަންމަންޓް މިނިސްޓްރީން އިސްނަގައިގެން ވެސް ރާއްޖެ ސާފުކުރުމުގެ މަޝްރޫޢެއް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައެވެ. "ސާފު ރާއްޖެ، ސާފުވެށި - މަގޭ ޙައްޤު، މަގޭ ޒިއްމާ" މި ޝިޢާރުގެ ދަށުން މުޅި ރާއްޖެ ސާފުތާހިރުކޮށް ބޭއްވުމުގެ މަޝްރޫޢެއް އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަމުން އެބަގެންދެއެވެ.