ހަބަރު

ނަޝީދުގެ މިލްކިއްޔާތުގައި 5.5 މިލިއަން ރުފިޔާ

Feb 22, 2019
20

މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭންކް އެކައުންޓްތަކުގައި 5.5 މިލިއަން ރުފިޔާ ހުރިކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ 87 ކެންޑިޑޭޓުންގެ ތެރެއިން 80 ފަރާތެއްގެ މާލީ ބަޔާން އެ ޕާޓީއިން އާންމުކޮށްފައިވާ އިރު އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުގައި އެމަނިކުފާނުގެ މިލްކިއްޔާތުގައިވާ ފައިސާ ވަނީ ހަތަރު ބޭންކް އެކައުންޓެއްގަ އެވެ. ރައީސް ނަޝީދުގެ ބޭންކް އެކައުންޓްތައް ހުރީ ބީއެމްއެލް، އެމްއައިބީ، އެސްބީއައި އަދި ލަންޑަންގެ ލޮއިޑްސް ބޭންކްގަ އެވެ. އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދު އެއްކޮށްލުމުން އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު 5.5 މިލިއަން ރުފިޔާއަށް އަރަ އެވެ.

ނަޝީދުގެ ބޭންކް އެކައުންޓްތައް:

  • ބީއެމްއެލް - 295.85 ރުފިޔާ
  • އެމްއައިބީ 19،900.18 ރުފިޔާ
  • އެސްބީއައި (ޖޮއިންޓް އެކައުންޓް) -- ފަސް މިލިއަން ރުފިޔާ
  • ލޮއިޑްސް ބޭންކް، ލަންޑަން -- 20،144.91 ޕައުންޑް (405،937.95 ރުފިޔާ)

މިދިޔަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ރައީސް ނަޝީދަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ދައުލަތުން ދޭ 100،000 ރުފިޔާއެއް އެކަންޏެވެ. ވިޔަފާރީގެ ނަފާއެއް، ކުލި އަދި ކުންފުންޏާއި ޕާޑްނަޝިޕްތަކުގެ ޑިވިޑެންޑްގެ ގޮތުގައި އެމަނިކުފާނަށް އެއްވެސް އާމްދަނީއެއް ލިބިވަޑައި ނުގަންނަވަ އެވެ.

ރައީސް ނަޝީދުގެ މިލްކިއްޔާތުގައި ހުރި ހަރުމުދަލަކީ، ލ. ގަމުގައި އޮންނަ 4،700 އަކަފޫޓްގެ ބަންޑާރަ ގޯއްޗަކާއި އެމަނިކުފާނު ހިމެނޭ ގޮތުން އާއިލާގެ އިތުރު ތިން ބޭފުޅެއްގެ ނަން މަތީގައި، ކ. ތުލުސްދޫއިން 2،000 އެކަފޫޓްގެ ބަންޑާރަ ގޯއްޗެކެވެ.