ވިޔަފާރި

އަލްޝާލީ މެރިން އިން ޕަރަސެއިލިން ލޯންޗެއް ނެރެފި

އަލްޝާލީ މެރިން މޯލްޑިވްސް އިން ޕަރަސެއިލިން ލޯންޗެއް ނެރެފި އެވެ.

ވައި ކުޑައެއްގެ އެހީގައި މީހުން މައްޗަށް ފޮނުވަން ބޭނުންކުރާ ނިޒާމެއް ހަރުކޮށްފައި ހުންނަ މި ލޯންޗު އަލްޝާލީ މެރިން މޯލްޑިވްސް އިން ބަނދެފައިވަނީ ތިލަފުށީގައި އެ ކުންފުނިން ހިންގާ ބޯޑް ޔާޑުގަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) ގެ މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ ގެސްޓްހައުސްތަކާއި ރިސޯޓުތަކުގައި ބޮޑު ޑިމާންޑެއް އޮންނަ މި އުޅަނދަކީ އެ ކުންފުނިން މި އަހަރު ނެރުނު ތިން ވަނަ ލޯންޗް ކަމަށެވެ.

"މިއީ މި އަހަރުގެ ތިން ވަނަ އުޅަނދު. މި އަހަރު ފެށިގެން މި ދިޔައީ އާ ގިނަ ޕްރޮޑަކްޓް ތަކެއް ނެރެން ފެށޭ އަހަރެއްގެ ގޮތުގައި،" ޝަރީފު ވިދާޅުވި އެވެ.

އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގެ ހުރިހާ މާކެޓަކަށް ހާއްސަކޮށް އުޅަނދު ފަހަރު ބަންނަމުންނެވެ. މިގޮތުން އެ ކުންފުނީގެ އުޅަނދު ފަހަަރަށް ދަނީ ގިނަ އެވޯޑު ތަކެއް ވެސް ލިބެމުންނެވެ. އަލްޝާލީ މެރިން އިން ތިލަފުށީގައި ހިންގަމުންދާ ޑޮކްޔާޑަކީ މިހާރު ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ގެންދާ އެއް ތަނެވެ. ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.